ކާޅެއްގެ އަޑު



ލިޔުނީ: މޫސާ ޢަލީމަނިކު
ތަފާތު ރީތި ބަގީޗާތަކުގައި ތަފާތު ރީތި ރާގު ރާގަށް ގޮވާ ދޫނިސޫފާސޫފި އުޅެއެވެ. އެކަމަކު ދެރަކަމަކީ އަހަރެންނަށް ރީތިކަން ދަރަޖަކުރާއިރު އެލިސްޓުން އެއްވަނަ ފުލުންނޫނީ ނުލިބޭކަމެވެ. އަހަރެން ދެފަހަރަކު ގޮވާލާއިރަށް ކަންފަތަށް ތުރާވެގެން މީސްތަކުން އުޅެގަނެއެވެ. އަހަރެންގެ އަޑާ ގަޔާވާ މީހަކު ހުރިނަމަ އެމީހަކީ ބީރު މީހަކަށް ނޫނީ ނުވާނެއެވެ. އަހަރެންގެ ހިނގުމަށް ތަޢުރީފުކުރާނަމަ ދުނިޔޭގައި ތަޢުރީފުކުރަން އެނގޭ މީހަކު ނެތީއެވެ. ކުރުކޮށް ފަށުއިކޮށް ބުނަމާބަހީއެވެ. ކަމުދާ އެއްވެސް ސިފައެއް އަހރެންގެ ނެތެވެ.
އާދަމްގެފާނުގެ ސިޔަރަތުގައި އަހަރެންގެ ވާހަކަ އަންނަކަމީ، އަހަރެންގެ ދަރިފަސްކޮޅު އެހިސާބުން ފެށިފައިވާކަމުގެ ދަލީލެކެވެ. އެހެނަސް އަހަރެންގެ އާއިލާގެ މަތިފުށާއި ހަމައިން މިހާތަނަށް މީހަކު އަހަރެމެންގެ ރަނގަޅު ވާހަކައެއް ނުދައްކައެވެ. ނުވިތާކަށް އަހަރެމެންގެ އާއިލާ މަޝްހޫރުވެފައި އޮންނަނީދުއްތުރާބޮޑު އާއިލާއެއްގެ ގޮތުގައެވެ. މިދެންނެވީ ފަހަރެއްގައިވެސް ކުޑަކުދިންނަށް ކިޔާދޭ ޚިޔާލީ ވާހަކައެއްގައި އަހަރެންގެ ބުއްދިވެރިކަމުގެ ވާހަކަ ނުދައްކައެކޭ ނޫނެވެ.
އަހަރެންގެ އާއިލާގެ ދިގު ތާރީޚްގައި އަހަރެންގެ ނަމާއި ގުޅުވައިގެން ނަންދެވިފައިވާ ތަނެއް އޮތްކަމެއް އަހަރެން ނުދެނަހުރީމެވެ. އެކަމަކު ރާއްޖޭގެ ރަށަކަށް ވަނަމަކަށް އަހަރެންގެ ނަންކުރިއަށްލާފައި ނަންކިޔާތީ އަހަމެވެ. އެއީ "ކާޅުގުއި މަޑުއްވަރީ" އެވެ. ނަމަށް ބަލާލީމާވެސް އެއީ އަހަރެންގެ ރީތިކަމަކުން ނުވަތަ މޮޅުކަމަކުން ނުވަތަ އަހަރެންގެ ގަދަރުވެރިކަމަކުން ކިޔާފައި އޮތް ނަމެއް ނޫންކަން އެނގޭނެއެވެ. ހިސާބަށްވުރެ އުނދަގޫ ބޮޑުވެ މުޑުދާރުކުރުންގިނަވީމަ ވަނަމަކަށް އެހެން ކިޔުނީއެވެ.
ބުނެވޭ ގޮތުގައި އެދުވަސްވަރަކީ މުޅިރާއްޖޭގައިވެސް އަހަރެންގެ އާއިލާ ވަރަށް ބޮޑު ދުވަސްވަރެކެވެ. ހަމަ އެހެންމެ އާއިލާއާ އެއްވަރަށް އުނދަގޫވެސްބޮޑު ދުވަސްވަރެކެވެ. އަހެރެމްނެގެ ކާނާ ހޯދުމުގައި ލަދެއް ޙަޔާތެއް އޮތް ދުވަސްވަރެއް ނޫނެވެ. މަގުމަތިން މީހަކު ކާއެތިކޮޅެއް ހިފައިގެންހުއްޓާ ފެނުނަސް ޖަހައިގަނެގެން އުޅުނު މަޖާދުވަސްވަރެކެވެ. ޚާއްޞަކޮށް ކުޑަކުދިންގެ އަތުން ފޭރިގަތުމަކީ އަހަރެމެންގެ އާދައެކެވެ. އަހަރެމެންގެ މި ޢަމަލު އެންމެ ފުޅާވެފައި އޮތް ރަށަކީ މަޑުއްވަރީއެވެ. އެއީ އެރަށު މީހުންގެ ފޯރުންތެރިކަންވެސް ބޮޑުވީމަ ތޯއްޗެކެވެ.
ހަމަ އެދުވަސްވަރު ރޮށިފަޅިއެއް ޖަހއިގަންނަން ހަދައިގެން އަހަރެމެންގެ އާއިލާއަށް ހިތުން ނުފިލާވަރުގެ ވަރުގަދަ ކެއްސެއް ލިބުނެވެ. ވީގޮތަކީ ކުޑަވަރެއްގެ ސޮރެއް ކާންއިން ރޮށިފަޅި އަހަރެމެންގެ ތެރެއިން ފަހުލަވާނަކު ޖަހައިގަތީއެވެ. އެކަން އެސޮރުގެ ބޭބެއަށް އެނގިގެން އައިރުޅިގައި އަހަރެމެންގެ އާއިލާ ރުއްރުކުގައި ހަދާފައިހުރި ހާލިތަކުގައި ހުރިއްޔާހުރި ބިހެއް ނަގައި ފެނުކެއްކުމަށްފަހު އަލުން އެބިސްތައް ހާއްޔަށް ލީއެވެ.
ދެންވީގޮތް އެނގޭހެއްޔެވެ؟ ބިސްތައް ފެނުކައްކާފައި ހުރިކަމެއް އަހަރެމެންނަކަށް ނޭންގެއެވެ. އެބިސްތައް ވިއްސަން ބިސްތަކުމަތީގައި އޮވެއޮވެ ބަނޑުދަށުން ފަތްކޮޅުފައިބާ އެތައް ބައްޔެއްޖެހި އާއިލާގެ ބައެއް މެމްބަރުން ދުނިޔެ ދޫކޮށް ދާންޖެހުނީއެވެ. ބުއްދިވެރި ކާޅަށް އެރަށުގައި ކެހި ލިބުނީދޯއެވެ. އޭގެފަހުންވެސް ވީވަރަކުން ބާރު ދެއްކޭތޯ އަހަރެމެން މަސައްކަތްކުރީމެވެ. ނަމަވެސް މަޖުބޫރުވީ ގޮނޑުހޮވައިގެން ކާއެތިކޮޅު ހޯދާށެވެ.
ދެންއައީ ވަރަށްވެސް ހިތާމަވެރި ދުވަސްވަރެކެވެ. އަހަރެމެންގެ އާއިލާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް މުޅި ރާއްޖޭގައި ފެށުނެވެ. ތަފާތު ވިހަތައް ދީގެންނާއި، ނުވިތާކަށް ބަޑި ޖަހައިގެން އަހެރެމެންގެ ދަރިފަސްކޮޅު ފޮހެލުމުގެ ހަނގުރާމައެވެ. ސައިޒުން ކިތަންމެ ކުއްޖަސް އަހަރެމެންވެސް ހިތްވަރު ކުރީމެވެ. އެހެނަސް މަޖުބޫރުވީ އަމާންދީފައި ނަސްލު ހިމާޔަތްކުރުމަށް މީހުންމަދު ރަށްރަށަށް ނުވަތަ މީހުން ނޫޅޭ ރަށްރަށަށް ހިޖުރަކުރާށެވެ.
މިހާރު މިކުޑަކުޑަ ރާއްޖޭގައި އަހަރެމެންގެ ލަޝްކަރުވަނީ ވަރަށްބޮޑަށް ބަލިކަށިވެފައެވެ. ބޮޑެތި އާބާދީތަކަށް މުޅީންހެން އެރުން މަނަލެވެ. އުދުހުންމަނާ ސަރަހައްދުތަކާއި ޖެއްސުންމަނާ ތަންތަން ގިނައެވެ. މިއަދު އެއްކަލަ ވަނަންކީ ރަށުގައި އަހަރެމެންނަކަށް ޖާގައެއްނެތެވެ. އަހަރެމެންގެ އާއިލާއަށް އޯގާތެރިވާނޭ ބަޔަކު މިރާއްޖޭގައި ނެތްކަން ޔަޤީނާ ގާތައް އެނގެއެވެ. އާއިލާ ނައްތާލުމުގެ ހަނގުރާމަ އަދިވެސް ނިންމާކަށް ނޫޅޭއެވެ. ނަސްލީ ތަފާތުކުރުން އެހާމެ ބޮޑެވެ. މިވާހަކަ ކިތަންމެ ވަރަކަށްވެސް އަހަރެންގެ މި ކުރަކި އަޑުން ގޮވިދާނެއެވެ. އެކަމަކު އަހަރެންގެ އަޑު އަހާނީ ކާކު ހެއްޔެވެ؟

2 comments:

  1. ވަރަށް ރަނގަޅު ލިޔުމެއް! އަދިވެސް އިތުރު ލިޔުންތައް ފެންނާނެކަމަށް އުންމީދު ކުރަން.؛

    ReplyDelete
  2. މޫސަބޭ ހިތްވަރުކޮއްލާ

    ReplyDelete

ކިޔުންތެރިންގެ ޚިޔާލު