ޙައްލެއް ލިބިދާނެބާ؟

ލިޔުނީ: މޫސާ ޢަލިމަނިކު


އާބާދީގައި ދެހާސް ދުއިސައްތައެއްހާ މީހުން ދިރިއުޅޭ އަތޮޅުގެ ދުންޏާވަކިން އޮންނަ މިރަށަކީ ބިންކުޑަ، އަތޮޅުގައި އޮތް އެންމެ ކުޑަ ރަށެވެ. އަދުގެ ޒުވާނުންގެ ސުވާލަކީ ދިރިއުޅުން އާބާދުކުރަން " މުސްތަޤްބަލެއް" މި ރަށުގައި އެބައޮތްތޯއެވެ؟ ޖަވާބު ދެނީ މުޅި ރައްޔިތުންނެވެ. މަޑުއްވަރީގައި ބިމެއްނެތެވެ.
އެއްވެސް ޝައްކެއްނެތެވެ. ކޮންމެ އިންސާނަކީވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހެކެވެ. އެ ބޯހިޔާވަހިކަން މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވާ ގޯއްޗަކުން ހޯދޭނެ ގޮތެއް އޮތްކަމަށް ޤަބޫލުކުރެވޭނެ ޖާގައެއް ނެތެވެ. ސަބަބަކީ ކޮންމެ މީހަކީވެސް އާއިލާއެކެވެ. އެތައް އާއިލާއެއް އެއްތަނެއްގައި ތޮއްޖެހިގެން އުޅޭނަމަ އިޖުތިމާއީ އެތައް މައްސަލައެއް ކުރިމަތިވާކަމީ ޤަބޫލް ކުރަންޖެހޭ ހަޤީޤަތެކެވެ.
ރަށުގެ އާބާދީ ދެހާހުން މައްޗަށް ހިންދެމިލިއިރު ރަށް އޮތީ ފުރިފައެވެ. ރައްޔިތުން ބިންވެރި ކުރުމުގެ ވިސްނުން ސަރުކާރަށް އައިހިނދު ރަށްއޮތީ ބިމަށްޖެހިފައެވެ. ޒުވާން ޖީލުން ރީތި ޑިޒައިންތަކަށް ގެދޮރު ހެދުމުގެ ޚިޔާލު ގެންގުޅޭއިރު، އަމިއްލަވެތި ބިންވެރިކަމަކަށް އެދޭނެ ފުރުސަތެއް ރަށަކު ނެތެވެ. މައިން ބަފައިންގެ ގެދޮރު ފޮތިފޮއްޗަށް ބަހަންޖެހުމުގެ ސަބަބުން " އަލިފާންފޮށީގެ ބައްޓަން" ނޫން ބައްޓަމެއް ނުނެރެވޭ ވަރަށް ޙާލަތުވަނީ ގޯސްވެފައެވެ.
މިހިސާބުން އުފެދޭ ސުވާލެއް އެބައޮތެވެ. އެއީ މި މައްސަލަ ދިމާވީ ހަމަކުއްލި އަކަށް ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ބިންކުޑަ މިރަށަށް މިދުވަސް އަންނާނެކަން މާކުރިންވެސް އޮތީ އެނގިފައެވެ. އުފުލަންދޫން ބަދަލުވި މީހުނަށް ގެވަޅު ދޫކޮށްނިމުނުއިރު އެމަންޒަރު ސިފަވާކަހަލައެވެ. އޭގެފަހުން ނުވިސްނާ ތިއްބާ ނުވަދިހައިގެ އަހަރުތަކުގައި މައްސަލަ އަތްނުފޯރާ ހިސާބަށްގޮސް ރަށުގައި ދިރިއުޅެން ދޫކުރާނެ ބިންނެތްކަން އިއުލާން ކުރެވިގެން ދިޔައެވެ.
ލިބުނު މަޢުލޫމާތައް ބަލާއިރު، ވޭތުވެ ދިޔަ ދިހަ އަހަރުވެސް މިމައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކޮށްފައިނުވާތާ، ރަސްމީ އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން މަޑުއްވަރީއަށް ބިން ބޭނުންވާކަމަށް ހުށައަޅާފައެއް ނުވެއެވެ. ހުށައެޅިފައިއޮތީ ރަށްގިރުމުގެ މައްސަލައެވެ. އެހެންކަމަށްވާނަމަ، ޔަޤީން ކުރެވޭކަމަކީ ވެރިންގެ ލައިނުން ފަރުވާކުޑަކޮށްފައިވާކަމެވެ. އެއީ ރަސްމީ އިދާރާއަށް މައްސަލަ ހުށައަޅަން ތިއްބަވާނީ ރަށުގެ ވެރިންނެވެ. ދެން އަތޮޅުގެ ވެރިންނެވެ.
ޝައްކެއްނެތެވެ. މާޒީއަކީ ފިލާވަޅެކެވެ. ދެންއޮތީ އެމަޒީން އިބުރަތް ހޯދަމުން ކުރިއަށް ހިނގުމެވެ. މައްސަލައަށް ޙައްލެއް ލިބޭތޯއެވެ. އެގޮތުން ބަލާއިރު މަޑުއްވަރީގެ ކަނޑު ތޮއްޓާ ހަމައަށް ވަށައިގެން ހިއްކެން އޮތީ ގާތްގަނޑަކަށް 7 ހެކްޓަރުގެ ބިމެވެ. މިއީވެސް ޙައްލަކަށް ނުވަނީ އަޅުގަނޑުމެންގެ ދަރިންގެ ދަރީންނާމެދު ވިސްނަންޖެހޭތީއެވެ. ދެވަނަ ގޮތަކީ ކައިރިން ފަޅުރަށެއް މަޑުއްވަރީގެ އަވަށެއްގެ ގޮތުގައި ތަރައްޤީ ކުރުމެވެ. ނަމަވެސް ހިތާމައަކީ އަތްފޯރާފަށުގައި އޮތް ދެރަށަކީވެސް ބިމުގެ ގޮތުން އެހާތަނަވަސް ދެރަށަށް ނުވާކަމެވެ.
އާދެ! ޖެހިގެން އޮތް ފަސްމަންދުއަކީ ޙައްލެއްކަމަށް ދެކޭ ބޭފުޅުންވެސް މަދެއްނޫނެވެ. އެހެންކަމުން ދަންނަވަން ޖެހެނީ ވޭތުވެ ދިޔަ ސަރުކާރުންވެސް ރައްޔިތުންނަށް އެރަށް ދެއްވުމުގެ ވާހަކަ ދެއްކެވީ ހަމަ އެއްބޭނުމެއްގައެވެ. އަދި ކަންނުވެ އުޅެނިކޮށް ސަރުކާރުވެއްޓި އަދުގެ ސަރުކާރުން އެރަށް ހަމަޖައްސަވައި ދެއްވީވެސް ހަމަ އެއްބޭނުމެއްގައެވެ. އެއީ ސިނާއީ މަސައްކަތްތަކަށެވެ. މިކަމުން ލިބެންއޮތް ފައިދާއަކީ މަސްއަށި ތަކުގެ "ދުއްތުރާއިން" ސަލާމަތްވުމާއި، ފައިބަރުފަދަ ވިހަތަކުން މިންޖުވުމެވެ. ޙަޤީޤީ މައްސަލަ އޮތްތާ އޮތީއެވެ.
ޙަޤީޤީ މައްސަލައަކީ ގޯތިގެދޮރުގެ މައްސަލައެވެ. އެމައްސަލައަށް ޙައްލެއްއޮތީ ބިންބޮޑުތަނަކަށް ހިޖުރަކޮށްގެން ކަމުގައިވާނަމަ އެއަށްވުރެ ރައްޔިތުންނަށް ހަޖަމު ނުކުރެވޭނެ ކަމެއް ނެތެވެ. ފަޅެއް، ރަށެއް އާބާދުކޮށްގެން ނަމަ އެއަށްވުރެ ޚަރަދު ބޮޑުގޮތެއްނެތެވެ. ނަމަވެސް ސަރުކާރަކަށް ގޮތެއްހުހެއް ނުވާނެއޭ ބުނާތީ އަހަމެވެ. ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮތް ކައުންސިލުން މިފަހަރު މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވާ މައްސަލައަށް ޙައްލެއް ހޯއްދަވައި ދިނުމަކީ އެންމެހާ ރައްޔިތުންގެ އެދުމެވެ. ތަނަވަސްކަމާއެކީ އުޅެވޭ ބިންވެރިއަކަށް ރަށުގެ ކޮންމެ ފަރުދަކު ހެދުމަކީ ތިބޭފުޅުންގެ ވައުދެވެ.

1 comment:

  1. ތިކަމަށް ހައްލެއްނެތް. މަޑުއްވަރީން ފައިބައިގެން ބިންބޮޑު ރަށަކަށް ހިޖުރަކުރަންވީ.

    ReplyDelete

ކިޔުންތެރިންގެ ޚިޔާލު