ދުނިޔެ ހޫނުވުމުގެ ވާހަކައިގެ އެކޮޅު މިކޮޅު


ލިޔުނީ: ޑރ. މަޢުރޫފް ޙުސައިން

ދުނިޔެ ހޫނުވަނީއެވެ. އުތުރާއި ދެކުނު ޕޯލްގައި ހުރި އައިސްތައް ވެރެނީއެވެ. ކަނޑުގެ ލޮނުގަނޑު އުފުލެނީއެވެ. ދިވެހިރާއްޖެ ފަދަ ތިރި ޖަޒީރާ ޤައުމުތައް ކަނޑުގެ އަޑިޔަށް ހިގައިދާން އޮތީ ގުނާލެވޭ ފަދަ އަހަރުތަކެކެވެ. މިއީ ވަރަށްގިނައިން ދެކެވޭ ވާހަކައެކެވެ. މިވާހަކަ ދައްކައިގެން ބައެއްމީހުންނަށް ބޮޑެތި އިނާމްތައްވެސް ލިބިފައި އެބަ ހުއްޓެވެ. އަދި އިނާމު ހޯދަންވެސް އަނެއްބަޔަކު މަސައްކަތް ކުރަމުންދެއެވެ. މިފަދަ ކޮންމެ ވާހަކައެއްގެވެސް ދެކޮޅުއޮންނަކަމުން ދަރުމަ މައްޖައްލާގެ ޢިއްޒަތްތެރި ކިއުންތެރީނާއި ހަމަޔަށް މިވާހަކައިގެ އަނެއްކޮޅު ފޯރުކޮށްދިނުމަކީ ޑިމޮކްރަސީގެ ޢަމަލެއް ކަމުގައި ދެކެމެވެ. ސަބަބަކީ ދުނިޔެ ހޫނުވެ، ކަނޑު އުފުލިއްޖެ ނަމަ އެންމެ ބޮޑު ދެރައެއް ލިބޭނީވެސް ހަމަ އަޅުގަނޑުމެން ދިވެހިންނަށެވެ. އޮސްޓްރޭލިއާ ނުވަތަ އިންޑިއާ ފަދަ ކަރައެއްގެ ވަލުތެރެއަށް ހިޖުރަކުރާން ޖެހޭނީވެސް ހަމަ ދިވެހީންނެވެ. ވީމާ މިފަދަ ވާހަކަ ތަކެއް އެންމެ މަތީ ފަންތީގައި ދެކެވެމުންދާ ދުވަސްވަރެއްގައި ނުތަނަވަސް ވެފައިވާ ހިތްތަކަށް ތަސައްލީއެއް ލިބޭފަދަ ވާހަކަތަކެއް ހުރިނަމަ އެވާހަކަތަކެއް ގެނެސްދިނުމަކީ ދަރުމަހުރި، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ދެކެމެވެ. ހަމަ ޔަޤީނުންވެސް ދުނިޔެ ހޫނުވެ ކަނޑު އުފުލުނަނުދިނުމަށްޓަކައި ދިވެހީންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. މިފަދަ ނުވަތަ އެނޫންވެސް އާފާތްތަކުން ސަލާމަތް ކުރައްވާތޯ އަޅުގަނޑުމެންގެ އުޅުން އިސްލާހުކޮށް ﷲ އަށް ދުޢާކުރުން ފިޔަވައެވެ. މިހެން ދެންނެވިޔަސް އަޅުގަނޑުމެންގެ މި ނާޒުކު ރަށްތަކުގެ ވެށި ސަލާމަތް ކުރުމަށްޓަކައި ކުރާންޖެހޭ ކަންތައްތައް އަބަދުވެސް ކުރާންޖެހޭނެއެވެ. އެއީ މުޅީން އެހެން ވާހަކައެކެވެ.
ދަންނާށޭވެ! ދުނިޔެ ހޫނުވެ، ކަނޑު އުފުލިދާނޭ ކަމުގައި ދެކެވޭ ވާހަކައަކީ ދުނިޔޭގެ މޫސުމާއިބެހޭ މަޝްހޫރު އެތައް ސައިންޓިސްޓުން އެކަމަށް އިންކާރުކުރާ ވާހަކައެކެވެ. އެމީހުން ދެކޭގޮތުގައި މިވާހަކައަކީ ބަޔަކު ސިޔާސީ މަޤްޞަދުތަކެއް ޙާޞިލް ކުރުމަށްޓަކައި ހިސާބަށްވުރެ ކަންބޮޑުކޮށްގެން މީހުން ބިރުގަންނަވަން ފަތުރާވާހަކަތަކެކެވެ. މިއީ ސައިންޓިފިކް ޙަޤީޤަތަކަށްވުރެ ބޮޑަށް ސިޔާސީ ކަންތައްގަނޑެކެވެ.  މީސްތަކުން ޙައްދުފަހަނައަޅައިދަނީ ހަމައެކަނި ދީނީގޮތަކުންނޫނެވެ. ލާދީނީގޮތުންވެސް ޙައްދުފަހަނައަޅައިދެއެވެ. މިފަދަ މީހުންނަކީ "އެންވަޔަރންމެންޓަލް އެކްސްޓްރީމިސްޓުން" ނެވެ. ގްލޯބަލް ވޯރމިންގް (ދުނިޔެހޫނުވުގެ ބިރުގެންނެވުމުގެ) ފަހަތުގައިވާ ސިޔާސީ އަދި އިޤްތިޞާދީ ސިއްރުތައް ރަނގަޅަށް ދެނެގަންނަވާ "އެތެރޭ ކޮއިލުގެ" ބޭފުޅެއްކަމުގައިވާ އެމެރިކާގެ އޮކްލަހޯމާގެ ސްޓޭޓްގެ ސެނެޓަރ ޖޯންސް އިންހޮފޭ އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަޤުރީރެއްގައި ވިދާޅުވާގޮތުގައި:
“Global warming is the greatest hoax ever prepared on the American people.”
"އާދަޔާ ޚިލާފަށް ދުނިޔެ ހޫނުވަމުންއަންނަ ކަމުގައި ބުނާބުނުމަކީ އެމެރިކާގެ ރައްޔިތުންގެ މައްޗަށް މިހާތަނަށް ބަޔަކު ހަދާފައިވާ އެންމެ ބޮޑު މަކަރެވެ."
އޭނާ ފާހަގަ ކުރައްވާ ގޮތުގައި ފަހުގެ ސައިންޓިފިކް ރިސާރޗް ތަކުން ދައްކާގޮތުގައި މަންޑިދަނޑިގަނޑެއް އޮންނަބީދައިން މަޑުމަޑުން ދުނިޔޭގެ ޓެމްޕެރޭޗަރ މައްޗަށް ދާކަމަށް މައިކަލް މާން ކިޔާ ސައިންޓިސްޓެއް  ކުރަހާފައިވާ ތަޞައްވުރަކީ ޙަޤީގަތެއްނޫނެވެ. މި ރިސާރޗް ތަކުން ދައްކާފައިވާ ޙަޤީޤަތަކީ ދުނިޔޭގެ ޓެމްޕެރޭޗަރ ދަނީ ފިނި ދުވަސްވަރާއި ހޫނު ދުވަސްވަރު ތަކުރާރުވާ ބުރުތަކެއް އަޅަމުންނެވެ. ވޭތުވެދިޔަ ގަރުނުގައި ދުނިޔޭގެ ހޫނުމިން ވަނީ ހިސާބަކަށް މައްޗަށް ގޮސްފައެވެ. ނަމަވެސް އެއީ ކޮންމެހެން އިސާނީ ޞިނާޢަތާއި ގްރީންހައުސް ގޭހުގެ ސަބަބަކުންނެއް ނޫންކަމުގައްޔާއި އެއީ ޠަބީޢީ ގޮތުން ދުނިޔޭގެ ހޫނުމިނަށް އެކި ދުވަސްވަރުގައި އަންނަ ބަދަލުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވުން ގާތް ކަމުގައި އެމީހުން ދެކެއެވެ. ރިސާރޗް ތަކުން ދައްކާގޮތުން މީގެ އެތައް ގަރުނެއް ކުރީން، އިންޖީޏުލީ އުޅަނދުތައް ނުއުފައްދާއިރުވެސް ދުނިޔޭގެ ހޫނުމިން މިހާވަރަށްވުރެ މައްޗައް ގޮސްފައިވެއެވެ.
ދުނިޔެ ހޫނުވެ އަޅުގަނޑުމެންގެ ބޯމައްޗަށް ކަނޑުގެ ލޮނުގަނޑު އުފުލިދާނޭ ކަމުގެ ބިރުވެރި ވާހަކަތައް ތިމާވެށީގެ ބަފައިން ކެނޑިނޭޅި ދައްކަމުންދާއިރު އަޅުގަނޑުމެންނާއި ހަމަޔަށް ގެނެސް ނުދީހުރި ބެއެއް ޙަޤީޤަތްތަކުގެ މައްޗަށް ބަލާލަމާތޯއެވެ؟ މިއަހަރުގެ ކުރީކޮޅުގައި، އުތުރު އެމެރިކާ، ރޫސީ ވިލާތުގެ ސައިބީރިއާ، މޮންގޯލިއާ އަދި ޗައިނާއަށް1966 އަށްފަހު ދުވަހަކުވެސް ނުވެހޭ މިންވަރަށް ސްނޯވެހިފައި ވެއެވެ. އެމެރިކާގެ މޫސުމާއި ބެހޭ މަޢުލޫމާތު އެއްކުރާ ޤައުމީ މަރުކަޒު (ނެޝަނަލް ކްލައިމެޓިކް ޑޭޓާ ސެންޓަރ) އިން ބުނާގޮތުގައި މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީގައި އެމެރިކާގެ ގިނަ ރަށްރަށުގެ ޓެމްޕެރޭޗަރ ވޭތުވެދިޔަ ސަތޭކަ އަހަރު (1901 އިން 2000 އަށް) ހުރި އެވެރެޖަށް ވުރެ 0.3 ޑިގްރީ ދަށެވެ. ހަމަ މިއަހަރުގައި ޗައިނާއަށްވަނީ މިދިޔަ ސަތޭކަ އަހަރުގެ ތެރޭގައި ނާންނަވަރުގެ ފިނިގަދަ ފިނިމޫސުމެއް އައިސްފައެވެ. ފިނިގަދވުމުގެ ސަބަބުން އެތައް ރަށަކުން އެތައް ހަފުތާއެއް ވަންދެން ކަރަންޓު ކެނޑިފައިވެއެވެ. ކުޑަކުދީން ބިރުގަންނަވަން ބޮޑުމާލި އަރާވާހަކަ ކިޔާ ބީދައިން އަބަދު ކިޔަމުން އަންނަނީ އުތުރު ޕޯލްގެ އާރކްޓިކް ސަރަހައްދުން ކަނޑުގައި ގަނޑުވެފައިވާ އައިސް ވިރެމުން އަންނަވާހަކައެވެ. ނަމަވެސް ކެނެޑާގެ އޮޓާވާގެ ކެނޭޑިއަން އައިސް ސާވިސްގެ އިސްބޭފުޅެއް ކަމުގައިވާ ގިލްސް ލެންގިސް ބުނާގޮތުން ދާދިފަހުން އައި ފިނީގެ ދުވަސްވަރުގައި އާރކސްޓިކް އައިސް ވިރެމުން އައި އައުން ވަނީ ހުއްޓިފައެވެ. އަދި ގިނަ ސަރަހައްދު ތަކުގައިވާ އައިސް ފަށަލައިގެ ބޯމިން މިދިޔަ އަހަރަށްވުރެ 20 ސެންޓިމީޓަރ އިތުރުވެފައި ވެއެވެ. އަދި މިފަހަކުން އާރކްޓިކް އައިސް ވިރިފައިވާ ވަރަށްވުރެ މާބޮޑު މިންވަރަށް މީގެކުރީން އައިސް ވިރިފައިވާ ކަމުގައި ޖިއޮލިޖިކަލް ހެކިތައް ފެންނާން އެބަހުއްޓެވެ. ދުނިޔެ ހޫނުވުމާއި ކަނޑު އުފުލުމުގެ އެދުރުން ޢާއްމުންނަށް އަންގަން އެހާބޭނުން ނުވާ އެއްކަމަކީ ދުނިޔޭގެ މޫސުމުގެ ހުރިހާ ކަމެއްހެން އާރކްޓިކްގެ ގަނޑުފެނަކީވެސް އަހަރުތެރޭގައްޔާއި އަދި ޒަމާންތަކުގެ ތެރޭގައި އެކިފަހަރު އެކިވަރަށް ބަދަލުއަންނަ އެއްޗެއް ކަމެވެ.
ދުނިޔެ ހޫނުކުރާ ލޮބީގައި ނުހިމެނޭ ދުނިޔޭގެ މަޝްހޫރު އެތައް ސައިންޓިސްޓުންނެއް ޤަބޫލުކުރާގޮތުގައި ދުނިޔޭގެ މޫސުމަށާއި ޓެމްޕެރޭޗަރ އަށް މިފަހަކަން އައިސްފައިވާ ބަދަލު ގުޅިފައިވަނީ އިރުގެ މޫސުމަށް އަންނަ ބަދަލުފަދަ ޠަބީޢީ ސަބަބު ތަކާއެވެ. ކޮންމެހެން އިންސާނީ ޙަރަކާތް ތަކަކާއި ނޫނެވެ. މިކަމަކީ މީގެ ކުރިންވެސް އެކި ޒަމާން ތަކުގައި ދައުރުވެ ތަކުރާރުވަމުން އައިސްފައިވާ ކަމެކެވެ. މާނަޔަކީ މިކަން ހުއްޓުވުމަށްޓަކައި އިންސާނުންނަށް ކުރެވޭނޭ މާބޮޑު ކަމެއް ނެތެވެ.
މިއަޑަކީ އަލިފު ދާލުން ނުވަތަ އެނޫން ފަރާތް ތަކަކުން އިސްނަގައިގެން އުފުލަމުން އަންނަ އަޑެއްކަމުގައި ވިޔަސް މިވާހަކަ ތަކަކީ މަތިން ބާވައިލައްވާފައިވާ އެއްޗެއް ޤަބޫލު ކުރާ ބީދައިން ސަތޭކަ ޕަސެންޓް ޙަޤީޤަތް ކަމުގައި އަޅުގަނޑުމެން ޤަބޫލު ކުރާންޖެހޭ ވާހަކަތަކެއްނޫނެވެ. މިވާހަކަތަކުގެ އެހެން ފަރާތެއްވެސް ވާކަން މަތީގައި ބަޔާންކުރެވުނު މަދު ވާހަކަކޮޅުންވެސް އެނގިއްޖެއެވެ. މިކަމުގެ އަޑީގައިވާކަމަށް ތުހުމަތު ކުރެވޭ ސިޔާސީ އަދި އިޤްތިޞާދީ ސަބަބުތަކާއި އަދި ބާރުތަކާއި ކަންކަމާއިމެދު ވިސްނާ މުފައްކިރުން ބޮޑެތި ދިރާސާ ފޮތްތައް ލިޔެފައި އެބަހުއްޓެވެ.  ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދިވެހީން މި ލޮބުވެތި ވަޒަން ދޫކޮށް އޮސްޓްރޭލިއާ ނުވަތަ އެނޫންވެސް ކަރައެއްގެ ވަލުތެރެއަށް ހިޖުރަ ކުރާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެންގެ އެދުމަކީ އެއްވެސް ބަޔަކު އެފަދަ ވާހަކަތައް  ނުދެއްކުމެވެ. ﷲ އިރާދަފުޅުން މި ރަށްތަކަކީ އެރަށްތަކެއްގައި ހަމައެކަނި އެއިލާހަށް އަޅުކަން ކުރެވޭ އަދި އެއިލާހުގެ ޚާއްޞަ ޢިނާޔަތާއި އަދި ރައްކާތެރިކަން ލިބިގެންވާ ރަށްތަކެއްކަމުގައި ލައްވާށިއެވެ! އާމީން!
މަސްދަރު: ދަރުމަ މަޖައްލާ، ޖެނުއަރީ 2009، ޞަފްޙާ 16-17

No comments:

Post a Comment

ކިޔުންތެރިންގެ ޚިޔާލު