ފަތިހުގެ ބަންގީގެއަޑާއެކު މި ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު އަހަންނަށް ލިބުނެވެ. ފިތުރަތުގެ ސާފުކަންމަތީގައެވެ. ދުނިޔޭގެ އަބާދީއަށް އިތުރުވި އިންސާނެއްގެ ގޮތުގައެވެ. ދިވެހި ރައްޔިތަކަށްވެ ދުނިޔޭގައި ރަޖިސްޓްރީ ކުރެވިއްޖެއެވެ. ހަތްދުވަސްފުރި ރީތި އަރަބި ނަމެއް ކިޔައިފިއެވެ. އާއިލާގައި "ޑިމާންޑް" ބޮޑުވެ އެންމެންގެ ލޯބި އަހަންނަށް ޙާއްސަވެއްޖެއެވެ. އެކެއްގެ ކިހިލިން އަނެކެއްގެ ކިހިއްޔަށް ދަމާވަރުން ބޮޑާހާކަންވެސް ފަށައިފީމެވެ.
ކޮންމެއަކަސް ޙަޔާތުގެ ހަރުފަތްތައް ގިރާކުރަމުން އައިސް ފުރާވަރަށް އަޅައިފިއެވެ. ކިޔެވުމުގައި ކާމިޔާބު ކުއްޖެއްގެ ގޮތުގައި ޒަމާނީ ތައުލީމުގެ ގޭތެރެއިން ވަޒީފާގެ ބާޒާރަށް ނުކުމެވިއްޖެއެވެ. ގަލަމު ތުނޑުން ފައިސާ ހޯދައިގެން ހަމައިސްކޮޅަށް ތެދުވެވިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. މައިންބަފައިންނަށް ޚަރަދުކުރާވަރަށްވުރެ އެމީހުން ތަނަވަހެވެ. އާއިލާގެ މީހަކަށް އެއްޗެއް ދިއްކޮށްލެވޭނީވެސް ހިފާނެ މީހަކު ހުރެގެންތާއެވެ.
އަޖައިބެއްފަދަ ކަމެކެވެ. އެހާމެ ބޮޑު ސިއްރެކެވެ. އަހަރެން ވިހޭދުވަހު ހަމަ އެއްވަގުތެއްގައި އަހަރެންގެ ދެ އަނބިންވެސް މި ދުނިޔެއަށް ނޭވާލިއެވެ. އެދުވަހުން ފެށިގެން އަހަރެމެން އުޅެނީ އިނދެގެންނެވެ. ޤަބޫލްކުރަން ދަތިވިޔަސް މިއީ ހަމަ ތެދެކެވެ. އަހަރެންގެ ކައިވެންޏަށް އަހަރެންގެ އުމުރުން ވިދުވަހެއް ވާނެއެވެ. ހަމަ އެންމެ ސިކުންތެއްވެސް ތަފާތެއް ނުވާނެކަން ޔަޤީނެވެ. މިކަން ގަބޫލްކުރަން ހޮދު އަޅުގަނޑަށްވެސް އުނދަގުލެވެ. އެކަމަކުވެސް މިއީ ހަމަ ތެދެކެވެ.
ކޮންމެއަކަސް އަހަރެންގެ ދެއަނބިން އަހަރެންނާއެކު އުޅުނީ އުފަލުގަކަން ނޭންގުނަސް ދެ އަނބިންނާ އެކު އަހަރެން އުޅުނީ އުފަލުގައެވެ. އާދައިގެ މަތިން އަހަރެންވެސް ވަރު ހުންނަނީ ހަގު އަޏްބަށެވެ. ވާގޮތެއް ހަމަ ނޭންގެއެވެ. ދޮށީ އަނބިމަތިން ހަނދާންވިޔަސް އެޖެހުނީ ކަންތަކާއެވެ. އެއަށްވުރެ އަހަންނަށް އުނދަގޫވާކަމެއް ނޯވެއެވެ. މިކަން މިހެންވަނީ އަމުދަކުން ހަގު އަނބީގެ ކަންތައްތައް ހުންނަގޮތުންނެވެ. އެކަނބުލޭގެ އެފުރުސަތު އަހަންނަކަށް ނުދެއެވެ. އެހެނެއްކަމަކު ދޮށީއަނބި ޝަކުވާއެއް ނުކުރާތާގައި ކީއްވެ ކަންތައް ކުރާގޮތެއްތޯ އަހާވެސް ނުލައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ބުރަބޮޑުވި ދުވަހެކެވެ. އާއިލާއާ ރައްޓެހިން ޝާމިލްވެ އުޅުނީ އެއްކަމެއްގައެވެ. އަހަރެން އިތުރު ބައިވެރިޔަކު ހޯދީއެވެ. ބޮޑު ހަފްލާއަކާއެކު އެކަން ނިމިގެން ދިޔައިރު އެންމެ އުފާވީ އަހަރެންގެ ދެވަނަ އަޏްބެވެ. އެކަމަކު އޭނާއަށް ނޭންގެނީ އޭނާއަށް ލިބޭވަގުތު ދެން ނުލިބޭނެކަމެވެ. އެންމެ ދެރަވީ ދޮށީ އަނބިކަން ގައިމެވެ. އަހަރެން އެކަމަކާ އަޅައެއް ނުލަމެވެ. މިކުރެވުނު ކައިވެނީގެ އުފަލާ މަޖަލުގައި މުޅި ދުވަސް ނިންމާލުމަށްފަހު ހަނީމޫނަށް ފުރައިފީމެވެ.
ދަތްހުރި ދުވަހު ކާށިކެވިއްޖެދޯއެވެ. އެކަމަކު ހިތާމައިގެ ކޮޅެއް މެދެއް ފެންނާކަށް ނެތެވެ. ދަތްހުއްޓާ ކާއްޓަށް ޖެހިއްޖެއެވެ. ބަލިމީހުންގެ ދަފުތަރުގައި ނަން ނޯޓް ކުރެވިއްޖެއެވެ. ބަލި އެނދުގައި ހިރިނުލެވިފައި އޮންނަން މަޖުބޫރު ވެއްޖެއެވެ. ބަލީގެ ބޮޑުކަމުން ބުނަންވެސް ޖެހިލުންވެއެވެ. އެންމެންގެ މަލާމާތް ލިބޭނެތީއެވެ. އަހަންނަށް މިބަލި ޖެހުނީ ފަހުން އިން އަނބި މީހާއާ ހެދިއެވެ. އެކަމަކު އެކަނބުލޭގެ މިކަމާ ދެރަނުވިތާ އަހަރެންގެ ޙާލު ބަލާލަންވެސް ވަދެނުލައެވެ.
އަހަރެންނަކީ ކިހާބޮޑު ކުއްވެރިއެއް ހެއްޔެވެ؟ އަހަރެންގެ ދޮށީ އަނބިމީހާއާ މެދު ފަރުވާ ކުޑަކުރެވުނީތީ މިޙާރު ދެރަވެއެވެ. އެކަމާ ހިތާމަކުރަމެވެ. އެދުވަހު އަހަރެން އެކަނބުލޭގެއާ އަޅާނުލިޔަސް މިއަދު ނުނިދާ، ނުކައި ނުބޮއި، އެކަނބުލޭގެ ރޭދުވާ އެ ހޭދަކުރަނީ އަހަރެންގެ ޚިދުމަތުގައެވެ. އޭނާގެ ފިރުމުންތަކުން ހިނދުކޮޅަކަށް ނަމަވެސް ތަކްލީފްތަކަށް ލުޔެއް ލިބެއެވެ. އެހެނެއް ކަމަކު ދެންތިބި ދެއަނބިންގެ ރަހުމްކުޑަކަން ހިތައްވަނަސް ހިތްފަޅައިގެން ދާހާވެއެވެ.
މަޢާފް ކުރައްވާށެވެ. އަދަކީ ދުނިޔޭގައި އަހަރެންނަށްލިބޭ އެންމެ ފަހުދުވަސް ކަމުގެ އިޙްސާސް އަހަންނަށް ކުރެވިއްޖެއެވެ. އެންމެންގެ މަލާމާތުގެ އަޑުއަހަންޖެހޭ ފަހު ދުވަސްކަން ޔަޤީންވެއްޖެއެވެ. ދޮށީއަނބީގެ ފިރުމުންތައް ލިބޭނޭ އިތުރު ދުވަހަކަށް އިރުނާރާނޭކަން ކަށަވަރުވެއްޖެއެވެ. ހަގު ދެއަނބިންގެ މަކަރުވެރިކަމާ، އިހާނެތި ބަސްތަކުގައި ސިއްކަޖެހޭ ވަގުތުކަން ހިތައް ވެރިވެއްޖެއެވެ. ލޯމަރާލައިގެންއޮވެ ގިސްލެވޭ ހާލުދޮށީ އަނބި މީހާ ގާތު ހުރިހާ އަނބިން ގެނެސް ދިނުމަށް އެދެވިއްޖެއެވެ.
އަހަރެންނާ ވަދާއީ ސަލާމްކުރުމަށް އެންމެން ޖަމާވެއްޖެއެވެ. ތިން އަނބިން އެކަންޏެއް ނޫނެވެ. ދަންނަ އެތައް ބަޔަކު ހާޟިރު ވެއްޖެއެވެ. ދެލޯމަރާލައިގެން އޮވެތިން އަނބިން އެކަނި އެތާ ތިބުމަށް އެދުނީމެވެ. ހިލާ އެކަކުވެސް ނުނިކުތެވެ. ހީވަނީ އަހަރެންގެ މުޑުދާރު ޙަޔާތުގައި ސިއްކަޖެހޭ ވަގުތު ކަންވާގޮތް ބަލާލަން ކެތްމަދުވެފައި އެންމެން ތިބިހެނެވެ. މަލާމާތުގެ މަޑުހިނިތުންވުމެއް އެކަކު ފިޔަވާ އެންމެންގެ ތުންފަތުންފާޅުވޭވެ ހުއްޓެވެ. އެކަމަކު އަހަރެންގެ ދޮށީ އަނބި ގިސްލަ ގިސްލާފައި ރޮނީއެވެ.
އަހަރެން ފަހަރަކު އަޏްބަކަށް އެނދާކައިރިވުމަށް އިޝާރާތްކޮށްލީމެވެ. އެއާއެކު ދޮށީއަނބި ވައިރޯޅިއެއްހެން އަތުވެއްޖެއެވެ. ދެންތިބި ދެއަނބިން މޫނުކުނި ކޮށްލިއެވެ. އެންމެންގެ މަލާމާތުން ސަލާމާތްވާން އަހަންނާ ކައިރިވެލި ހިނދު އެންމެ ހަގު އަޏްބަށް އިޝާރާތްކުރަމުން އަހަރެން ބުނީމެވެ.
" އަހަންނަށް މިބަލި ޖެހުނީ ތިބާގެ ސަބަބުންނެވެ. ތިބާ އަހަރެންނާ އެކު މަރުވާންވީނުން ހެއްޔެވެ؟"
ރުޅިވެރިކަމާއެކު އެކަނބުލޭގެ ޖަވާބު ދިނެވެ.
" ކަލޭ އަމިއްލައަށް ބުއި ބޮނޑިއެއްނުތީ... އަހަންނަށް ބައްޔެއް ނުޖެހޭ... ކަލޭ މަރުވިޔަސް އަހަރެން ދިރި ހުންނާނަން... ކަލޭގެ މަރު އަވަސްވާށި... އޭރުން އަހަންނަށް އެހެން މީހެއްގެ މިލްކަކަށް ވެވޭނީ... އަދިވެސް މަރުވާކަށް ނޫޅޭވިއްޔަ..."
ހިތަށް ލިބުނު ވޭނާއެކު ދެވަނަ އަޏްބަށް އިޝާރާތްކުރަމުން ބުނީމެވެ.
" ތިބާ އަހަންނަށް މަގުދެއްކިނަމަ މިހެނެއް ނުވީހެވެ. އަހަންނާއެކު ވަޅުލެވެން ވީނޫން ހެއްޔެވެ؟"
އެއާއެކު ހިތުގެ ހިނގުމަށް އަސަރުކުރުވާފަދަ ބަސްތަކަކުން އެކަނބުލޭގެ ޖަވާބު ދިނެވެ.
" ހުއް... މަޖެހޭދޯ ކަލެއަށް މަގުދައްކަދޭން... އަމިއްލައަށް ހިނގަން ނޭންގުނީމަވީގޮތް ތިޔައީ... ކަލޭ މަރުވޭ... އަހަރެން ނޫޅެން ވަޅުލެވޭކަށް... އަހަންނަކަށް ތިޔަކަހަލަ ބަލި މާނެއް މުހިންމެއްނޫން..."
އަހަރެންގެ އަތްފައި ފިނިވާން ފަށައިފިއެވެ. ވާހަކަ ދައްކަން އުނދަގޫވާން ފަށައިފިއެވެ. ކަރުބެދި ނޭވާ ކުރުވެއްޖެއެވެ. ހިތްވަރުކޮށްލާފައި އަހަރެންގެ ދޮށީ އަނބީގެ އަތުގައި ހިފާލަމުން ބުނީމެވެ.
" އަހަންނަށް މައާފްކުރާށެވެ. އަހަރެންގެ ހުރިހާވެސް މީހަކީ ތިއީއެވެ. އަހަންނަށް ތިބާއާމެދު ކަންތައްކުރެވުނީ ވަރަށް އިހާނެތިކޮށެވެ. މިއަދު ތިބާގެ މުހިންމުކަން އަހަންނަށް ވިސްނިއްޖެއެވެ. އަހަރެން މަރުވިޔަސް ތިބާ ދިރިހުރުމަށް އެދެމެވެ. ތިބާ އަހަންނާއެކު ހޭދަކުރާ ކޮންމެ ހިދުކޮޅަކީ އަހަންނަށް އެތައް ވޭނެއް ލިބޭނެ ހިނދުކޮޅެކެވެ."
އެކަނބުލޭގެ ބަސްކޮޅުމަދެވެ.
" އަހަރެން އުފަންވީ ތިބާއަށްޓަކައެވެ. އަހަރެން ނިމިދާނީވެސް ތިބާގެ ޙައްޤުގައެވެ. އަހަންނަށް ތިބާއާ ވަތްކެއް ނުވެވޭނެއެވެ. ތިބާއާއެކު އަހަރެންވެސް ދާނަމެވެ."
އަހރެންގެ ދެލޯމެރެންފެށިއެވެ. ގައިން ބާރުދޫވެ ނޭވާ ހުއްޓެން ފަށައިފިއެވެ. ހިތުގެ ހިނގުން މަޑުވާންފަށައިފިއެވެ. އެތެރެހަށި ހީވަނީ ވީދާ ކުދިކުދިކުރާ ހެނެވެ. މީހާ ދާހިތްލާ ފޯވެއްޖެއެވެ. ޝަހާދަތް ލައިދޭން ފެށުމާއެކު އަހަރެންގެ ކަޅިވިދިއްޖެއެވެ. ޝަހާދަތްކިޔަން ދޫހަރަކާތް ކުރުމަށް މަސައްކަތްކުރީމެވެ. އެދުލަށް ބާރެއް ނުލިބުނެވެ. ގުޅާފައިހުރި މެޝިންތަކުގެ ބޭނުން ކެނޑިއްޖެއެވެ. ފުން ތިންނޭވާއާއެކު އަހަރެންގެ ފުރާނަ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. ދުނިޔޭގެ ރަޖިސްޓްރީން އުނިވީއެވެ. ކަށުކަމާކެމީގެ ކަންކަން ނިމި އަހަންނާއެކު އަހަރެންގެ ދޮށީ އަނބިވެސް ބިމުގެ ތެރެއަށްލާ ފޮރުވާލައިފިއެވެ. ހަދިޔާއަކަށް ލިބުނީ ތިންމުށް ވެއްޔެވެ. އޮވެލަން ލިބުނީ ކުޑަކުޑަ ގޮޅިއެކެވެ.
އަހަންނާމެދު ހިތްބުރަ ނުކުރައްވައްޗެވެ. އަހަރެންގެ ވާހަކަ މިކިޔައިދިނީ ތިބާއަށް މި ޙަޔާތުން ފިލާވަޅެއް ނަގައިދޭށެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އަހަރެންގެ ތިން އަނބިން ތިބި ފަދައިން ތިބާގެވެސް ތިން އަނބިން ތިބީތީއެވެ. ތިބާވެސް ދޮށީ އަޏްބަށް އިހާނެތިކޮށް ހިތާތީއެވެ. އަހަރެންގެ ނިމުން ތިބާއަށް ވާރުތަވާން ނޭދޭތީއެވެ.
އެނގޭހެއްޔެވެ؟ އަހަރެންގެ ދޮށީ އަނބި މީހާއަކީ އަހަރެންގެ ޢަމަލެވެ. އެއީ ތިބާގެވެސް ދޮށީއަނބި މީހާއެވެ. އަހަރެންގެ ދެވަނަ އަޏްބަކީ އަހަރެންގެ އާލުންނެވެ. އެއީ ތިބާގެވެސް ދެވަނަ އަޏްބެވެ. އަހަރެންގެ ތިންވަނަ އަޏްބަކީ އަހަރެންގެ މުދަލެވެ. އެއީ ތިބާގެވެސް ތިންވަނަ އަޏްބެވެ. ދޮށީ އަނބިމީހާއަށް އަޅާލާ މީހަކަށްވާށެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ. އެކަނބުލޭގެ ފިޔަވާ އެންމެން ތިބާ ދޫކޮށްދާނެއެވެ.
= ނިމުނީ =
rangalhu khiyaaleh nethytha?
ReplyDelete