ލިޔުނީ: މޫސާ ޢަލިމަނިކު/ރަތްފުސްގެ
މަދަރުސާއަކީ ދެވަނަ ގެއެވެ. އެމަދަރުސާގެ ލޮބުވެތި ޓީޗަރުންނަކީ ދެވަނަ ބެލެނިވެރިންނެވެ. އެހެންކަމުން ކިޔަވާ ކުއްޖެއްގެ ޙަޔާތަށް ދެވަނައަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ މަދަރުސީ މާޙައުލުންކަމާއި މެދަކު ޝައްކެއްނެތެވެ. ކަންމިހެން އޮތުމާއިއެކު މަދަރުސީ މާޙައުލު އެންމެހާ ނުރަނގަޅު އަސަރުތަކުން ސަލާމަތްކޮށް ދަރިވަރުންގެ ޙަޔާތަށް ފެހިކަމާއި އާރޯކަން ގެނައުމަށް ހިތްވަރާއިއެކު މަސައްކަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއްކަމުގައި ނޫނީ ނުވާނެއެވެ. އެގޮތުން މަޑުއްވަރީއަށް ޢިލްމީ ހިޔާދޭ ގަސްކަމުގައިވާ މަޑުއްވަރީ ސްކޫލްގެ އެންމެހާ މޫތަކާއި ގޮފިތަކާއި، އަދި އެންމެހާ ކުރިތައް ތާޒާކަންމަތީ އެއްގުނަވަން އަނެއް ގުނަވަނާގުޅިގެން ދިއުމަކީ އެގަހަށް އިތުރު އާރޯކަމެއް ގެނުވާނޭ ކަމެއް ކަމާއިމެދަކު ޝައްކެއް ނެތެވެ.
މިއަދުގެ ޙަޤީޤަތަށް ނަޒަރު ހިންގާލާއިރު ތަނެއް ކުރިއަރާ ދިއުމުގެ މުހިންމު އަސާސީ ސިފަތައް އަޅުގަނޑުމެންގެ ތެރޭގައިވަނީ ބަލިކަށިވެފައެވެ. އެގޮތުން ޒާތީ ތައައްސުބާއި، ހަސަދަވެރި ޢަމަލުތަކުގެ ނަތީޖާ އިތުރަށް ހޯދާބަލަން ނުޖެހޭވަރަށް މުޖުތަމަޢުގައިވަނީ ތިލަވެފައެވެ. މިކަންކަން މިމަގަށް ގެނުވި މޭސްތިރިންނަކީ ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމާއި، ގޮތްދޫނުކުރުމެވެ. ނަތީޖާއަކީ އެކުވެރިކަމުގެ ވާފަށް ކަނޑައިގެންގޮސް، ކުރިއަރަމުންދިޔަ މަގުން ކަސިޔާރުވެ، ޢިލްމީ ހިޔާދޭ ގަހަށް ހަރީފު މޫސުމުގެ ނުބައި ހިޔަނި އެޅިގެން ދިއުމެވެ. އޭގެ ސަބަބުން އެގަހުން ހިޔާ ހޯދަމުންއައި އެތައް ހިތްތަކެއް މާޔޫސްވެ، ބަގީޗާ ދޫކޮށް ދާންޖެހުމެވެ. ނުވިތާކަށް އެބަގީޗާއާއި މެދު އޮތް އިތުބާރާއި އުއްމީދު ވަޔާއެކު ބުރައިގެން ދިއުމެވެ.
ޝައްކާވަހުމް އެއްފަރާތްކޮށްލައްވާށެވެ. އެއަށްފަހު މިނިވަން ސިކުންޑިއަކުން މިނިވަންކަމާއެކު ޚިޔާލު ކޮށްލައްވަ ބައްލަވާށެވެ. މަޑުއްވަރީ ސްކޫލަށް ކާމިޔާބު ލިބޭނެ މަގެއް ފެނޭތޯ އަޅުގަނޑުމެން ކުރަންވީ ކީއްހެއްޔެވެ؟ ރައްޔިތުން ނުކުމެ ސްކޫލްގެ ކިޔެވުން ބަންދު ކުރަންވީ ހެއްޔެވެ؟ ނުވަތަ ސްކޫލްގެ ވެރިން ރަށުން ބޭރުކުރުމަށްޓަކައި ސިޔާސީ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަންވީ ހެއްޔެވެ؟ ނުވަތަ ޓީޗަރުންނަށް ހަޑިހުތުރު ބަހުން މުޚާތަބުކޮށް ގެދޮރަށް ގެއްލުން ދޭންވީ ހެއްޔެވެ؟ ނުވަތަ އެނޫންވެސް ގޮތްގޮތުން ބާރު ދެއްކުމުގެ ހަރަކާތެއް ހިންގަންވީ ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެއް މިއަދު އަޅުގަނޑުމެންގެ ސްކޫލަށް ނިސްބަތްކޮށް ކުރެވިދާނެއެވެ. މިކަންކަމާއި މެދު ވިސްނާ ފިކުރު ކުރުމަކީ ވަކި މީހަކަށް ވަކި އާއިލާއަކަށް އޮތް ކަމެއް ކަމުގައި އަޅުގަނޑުމެން ދެކިގެން ނުވާނެއެވެ.
ޙަޤީޤަތަކީ އެދުރުގެތަކުންފެށި ޢިލްމީ ޙަޔާތް ތަފާތު މަކުތަބުތަކުން ސްކޫލަކަށް ބަދަލުވެ، މިއަދާ ހަމައަށް އެސްކޫލްގެނައީ ތަފާތު އެތައް ބޭފުޅުންނެއްގެ މިންނެތް މަސައްކަތާއި، ޤުރުބާނީތަކެއްގެ ސަބަބުންނެވެ. މިއަދު ސްކޫލް ރަނގަޅު ކުރުމުގެ ނަމުގައި އެތަން ބަންދުކޮށް ކިޔަވާ ކުދިބައެއްގެ ކިޔެވުން މިނެޓަކަށްވެސް ހުއްޓުވާލާނީ އެބޭފުޅުންގެ ޤުރުބާނީގެ އަގުވަޒަންކުރަން ނޭންގޭ މޮޔައިންނެވެ. އޭގެ ހުރިހާ ގެއްލުމެއް އެލިބެނީ ކިޔަވާ ކުދިންނަށެވެ. ދެން އޮތީ ވެރިން ބޭރުކުރުމުގެ ފަލްސަފާގެ ތެރެއިން އެކަންކުރުމެވެ. އެކަންކޮށްގެން ތަނަށް ކުރިއެރުމެއް ފައިދާއެއްވާނަމަ މަޑުއްވަރީ ސްކޫލާ އެއްވަރަށް ކުރިއަރާނެ ސްކޫލެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ދުނިޔޭގެ ތަޖުރިބާއަށް ބަލާއިރު ދެކޮޅުވެރިކަމާއި، ރުޅިވެރިކަމާއެކު ބާރާ ނުފޫޒުން އެދެވޭ ކާމިޔާބަކަށް ވާސިލްވެވިފައެއް ނެތެވެ. އެހެން ކަމުން ވިސްނުން ތެރިކަމާއި އެކު އެހެން ގޮތްތަކެއް އަޅުގަނޑުމެން އެންމެން ގުޅިގެން ހޯދަން ވެއްޖެއެވެ.
ޤަބޫލް ކުރައްވާށެވެ. ސްކޫލެއްގެ މެނޭޖްމަންޓާއި ސްޓާފުންނާއި ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައި އޮންނަން ޖެހެއެވެ. އެއީ އެއް އާއިލާއެކެވެ. ނަތީޖާ ނެރެވޭނީ އެއާއިލާގެ ޓީމް ވާރކް ރަނގަޅުވީ މިންވަރަކުންނެވެ. ލޮބުވެތި ޓީޗަރުން ނަގައިދޭ ފިލާވަޅެއްގައި ވާފަދައިން "އެއް ދަރުބޮނޑިއެއް" ގެ މިސާލުގައި ވެގެންނެވެ. އެއްވެސް ހާލެއްގައި ވަކި ވަކި އާއިލާތަކަކަށްބެހި، އެއްބަޔަކު އަނެއްބަޔަކަށް ނަފުރަތުގެ ބަސްތައް ރައްދުކޮށް، ކިޔަމަންތެރިވާންޖެހޭ ފަރާތްތަކަށް ކިޔަމަންތެރި ނުވުމުގެ ޘަގާފަތެއްގެ ތެރޭން ރަނގަޅެއް ނުފެންނާނެއެވެ. މާދަމާގެ ކުރިމަގު ކަމުގައިވާ ކުޑަކުދިންނަށް ތަރުބިއްޔަތު ދިނުމުގެ ބުރަބޮޑު މަސްއޫލިއްޔަތު އުފުލުމުގައި ނަމޫނާ ބަޔަކަށް ވެގެންނޫނީ އަޅުގަނޑުމެން މިއެދޭފަދަ ނަމޫނާ މުޖުތަމައެއް ބިނާނުކުރޭވެނެކަމީ ޔަގީން ކަމެކެވެ.
ތުންތުންމަތިން އިވެމުންދާ ވާހަކައެއް އެބައޮތެވެ. ސްކޫލްގެ ކިޔެވުން ރަނގަޅު ނުވާ ވާހަކައެވެ. ވެރިން ރަނގަޅު ނޫން ވާހަކައެވެ. މިއީ ޢާންމު ޝަކުވާތަކަކަށްވާއިރު މިކަން ބޮޑުވެގެން ވެރިންނާ ޙިއްސާކުރީ ކިތައްކިތައް މީހުންތޯއެވެ. އެންމެންވެސް ބަލަނީ އެންމެ މަތިން މައްސަލައިގެ ތެރެއަށް ވަދެވޭތޯއެވެ. އޭގެ ބަދަލުގައި އިންސާނީ ވަސީލަތް ވެރިންނަށް ލިބިފައި ހުރީ ކިހާވަރަކަށްތޯވެސް ވިސްނާލުން ބުއްދިވެރިއެވެ. އެގޮތުން ސްކޫލް ދައުރު ގިނަކުދިން ފަށަން ޖެހިފައިވަނީ ކަމުގެ ޢިލްމާއި ތަޖުރިބާނެތް ވަގުތީ މުދައްރިސުންނާއެކުއެވެ. ބިންގާ އެޅިގެންދާނެގޮތް ތަސައްވުރު ކޮށްލައްވާށެވެ. ދެން އޮތީ ވެރިންނަށް މާޙައުލު ރަނގަޅަށް މެނޭޖް ނުކުރެވޭ ވާހަކައެވެ. ސަތޭކަ އެތައް ކުދިންނަކާއި، ވަގުތީ ތީޗަރުންނާއި ދާއިމީ ޓިޗަރުންގެ އެންމެހާ ޒިންމާތަކެއް ކޮނޑުއަޅައިގެން ތިއްބެވީ ހަތަރު ވަރަކަށް ބޭފުޅުންނެވެ. ޙާލަތު ވަޒަންކޮށްލައްވާށެވެ.
ޔަޤީންކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އުގަންނައިދޭ ޓީމް ބައިބަޔަށް ބެހިގެން ކާމިޔާބެއް ނެތެވެ. އެއް މުދައްރިސަކު އަނެއް މުދައްރިސަކަށް އިޙްތިރާމް ނުކޮށް، އިޙްތިރާމް ހޯދޭނެގޮތެއްނެތެވެ. އަމުރުވެރިންނަށް ކިޔަމަންވެގެންނޫނީ، އަމުރު ކުރެވޭނެ ޖާގައެއް ނެތެވެ. ޙަސަދަވެރިކަމާއި ދެކޮޅުވެރިކަމުގެ ހުޅު ރޯވެއްޖެތަނެއް އަނދާހުލިވާކަށް ލަހެއް ފަހެއް ނުވާނެއެވެ. ހިތްހަމަނުޖެހޭ މީހާ ރަށުން ބޭރުކޮށްލުމުގެ ޘަޤާފަތުން އުފެދޭނެ މޮޅުޓީމެއް ނޯންނާނެއެވެ. މައްސަލަތައް ޙައްލުކުރުމުގައި ވާހަކަ ނުދެކެވޭނަމަ ޙައްލުވާނެގޮތެއް ނުފެންނާނެއެވެ. އެމައްސަލަތައް ޓީމްތެރެއިން ބޭރުވެ، ކުލަކުލަ ޖެހެމުންގޮސް ނިމިގެންދަނީ ޓީމްގެ ކޮންމެވެސް ކުޅުންތެރިއަކަށް ރަތްކާޑު ދެއްކިގެން ކަމަށްވާނަމަ ބަދަލު ހިފުމުގެ ރޫޙަށް ނިމުމެއް ނެތެވެ.
އަޅުގަނޑުގެ ނަޒަރުގައި މިހާރުވެސް ބޭރުކުރެވިފައިވާ މީހުންނާއި، މަތީ ތަޢުލީމް ހޯދަމުންދާ މަޑުއްވަރީއަށް އުފަން އެންމެން ސްކޫލަށް ޖަމާކޮށްގެން ރަނގަޅު މެނޭޖްމަންޓެއް ޤާއިމްކުރެވިދާނެއެވެ. އަދި ބެލެނިވެރިންގެ ރޫޙްވަރުގަދަކޮށް މާޒީގައި ޢިލްމަށްޓަކައި އެވީ ޤުރުބާނީ މިއަދުވެސް އެމިންވަރަށް ވެއްޖެނަމަ، އިސާހިތަކު ކާމިޔާބު ތިލަވާނެއެވެ. އެޖޯޝާއި އެފޯރީގައި ނުކުމެ ދަނޑަށް ފެންޖަހާލަނިކޮށް މުޑުވަށް ރަނގަޅުވެ މޭވާތައް ދޮންވެ ފައްކާވާން ފަށާނެއެވެ. ސްކޫލާއި ބެލެނިވެރިން ގުޅިގެން ވަކި އާއިލާއަކަށް ނުބަލާ މަޑުއްވަރީގެ ދަރިންތަކަކަށް ހިތްވަރު ދީގެން ރަނގަޅު ޓީމެއް އުފައްދަންވީއެވެ. ރަނގަޅު މުދައްރިސުން ރަށުން އުފެދިގެން ނޫނީ ރަށުލޯބިހުރި ރަށަށް ކާމިޔާބު ހޯދޭނެ ޓީމެއް ނުނެރެވޭނެއެވެ. ވެރިންގެ ނުގުޑާފަދަ އަޒުމާއިއެކު، މަޝްވަރާގެ ރިވެތި އުސޫލުން ޒަމާނާގުޅޭ ތަފާތު ވިސްނުންތަކަށް ފުރުސަތު ލިބިގެން ނޫނީ ހަރުދަނާ ޓީމެއް ނުނެރެވޭނެއެވެ. ދޫދިނުމާއި ބަލައިގަތުމުގެ ޘަޤާފަތެއް ޤާއިމް ކުރެވިއްޖެނަމަ އެކުވެރިކަމުގެ ޗޭނުވަރުގަދަވެގެން ދާނެއެވެ.
ޝައްކެއްނެތެވެ. އެކުވެރިކަމާއި އެކު އެއްއަމާޒަކަށް ހިފައިގެން ތިބި ޓީމެއް ސްކޫލްގައި އުފެދިއްޖެނަމަ އެތެރޭގެ މައްސަލަތަކަށް ފުރުސަތެއް ނޯންނާނެއެވެ. އޭރުން އަޅުގަނޑުމެންގެ ހިތާމަތައް ފިލާގޮސް އެކުވެރި މާޙައުލެއްގައި އޮންނާނީ ރަނގަޅު މެނޭޖްމަންޓެކެވެ. ސްކޫލަށް އިތުރު އާރޯކަމާއި ތަޒާކަން ލިބިގެންދާނެއެވެ. ހަސަދަވެރިކަމުގެ ހުޅުގަނޑަށް ނިވެން މަޖުބޫރުވާނެއެވެ. އުއްމީދުއާވެ، ކިޔެވުން ރަނގަޅުވެ މަތީވަނަތައް ހޯދޭނެއެވެ. ޢިލްމީ ރޭހުގައި ވާދަކުރުމުގެ ޤާބިލްކަން ލިބިގެން ދާނެއެވެ. އެފަދަ ދުވަހަކުން ނަންވިދާލާނީ މަޑުއްވަރީ ސްކޫލެވެ. ކާމިޔާބު ހޯދާނީ މަޑުއްވަރީ ދަރީންނެވެ. ކާމިޔާބުގެ މުގުލަކީ މަޑުއްވަރީގެ ބެލެނިވެރިންނެވެ. އެދުރުންނަކީ މަޑުއްވަރީގެ މޮޅެތި ޓީޗަރުންނެވެ. އެދުވަހުން ޢިލްމީ ހިޔާދޭ ޤުލްޝަނުގައި ރީތި ކުލަކުލައިގެ މާތައްފޮޅި، ހުރިހާ މާނައެއްގައި މަޑުއްވަރީ ކުރިއަރާދާނީ ނުހަނު ބާރު ދުވެލީގައި ކަމާމެދަކު ކުޑަވެސް ޝައްކެއްނެތެވެ.
ރިވެތި ގޮތުގައި ފާޑު ކިޔާފައޮތްކަން ފާހަގަކުރެވޭ. އެކަމަކު މަޢުލޫމާތުގެ ސީރިއަސް މައްސަލަތައް މިއަށްވުރެ ތިލަކޮށް ނެގުމަށް ނަސޭޙަތްތެރިވަން.
ReplyDeleteމުޖުތަމައުގައި ހުރި ސީރިއަސް މައްސަލަތަކާއިމެދު މިފަދަ މަޒުމޫނުތައްލިޔާއިރު ތިމާގެ މަސްލަހަތު ހިމަޔަތް ކުރުމުގެ ބަދަލުގައި މުޖުތަމައުގެ މަސްލަހަތު އިސްކުރުމަށް ގޮވާލަން. "ބޭރު ކުރެވިފައި" މިފަދަ އިބާރާތް ތައް ބޭނުންކޮށް ގެން ތިމާފަދަ މުޖުތަމައު ގަބޫލް ނުކުރާ ވައްކަމުގެ ތހުމަތު ބޮލުގަ އެޅިފައިވާ މީހުން ގެ ތާއީދު ހޯދުމުގެ އެއްވެސްމާނަ އެއްނެއްކަން ތިމާގަބޫލުކުރަން ވާނެއެވެ.
ReplyDeleteކަލޯ މަށަކަށް ހިޔެއް ނުވޭ ކަލޯއަށް އެސޮރު ލިޔެފަ އޮތް އެއްޗެއް އެނގުނު ހެނެއް. ދެތިކި ޕޯ
ReplyDelete