ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރި ގިރުމުގެ މައްސަލައިގައި 9މާރޗް 2010 ވަނަ ދުވަހ ދާއިރާ މެމްބަރުގެ ސުވާލާއި ޖަވާބު.


މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ދަންނަވާލަން ބޭނުންވި ސުވާލަކީ، ރ.މަޑުއްވަރީ ގިރާ ސަރަހައްދު، ގިރުން ހުއްޓެވުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް ކިހާ ޚަރަދެއް ކުރެވިފައިވޭތޯ އާއި މިމަސައްކަތް ރޭއްވެވުމުގައި ކިހާވަރެއްގެ ދިރާސާ އެއް ކުރައްވާފައިވޭތޯ އާއި، މިކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯއްދަވާފައިވޭތޯ އާއި، މިހާރު ކުރައްވާފައިވާ މަސައްކަތުން އެރަށް ގިރުމުގެ މައްސަލަ އަށް ދާއިމީ ޙައްލެއް އަންނާނެކަމުގެ ޔަޤީންކަން މަނިކުފާނު ދެއްވަވާފާނަންތޯ؟ އަދި މިސައްކަތް ނިމޭނެ ތާރީޚެއް ވިދާޅުވެދެއްވަފާނަންތޯ؟ 

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ވިސާމް ޢަލީ ކުރެއްވި ސުވާލުގައި، މަޑުއްވަރީ ގިރާ ސަރަޙައްދު ގިރުން ހުއްޓުވުމަށް ކިހާ ޚަރަދެއް ކުރެވިފައިވޭތޯ. މިކަމަށް އަޅުގަނޑުމެން ބަޖެޓްކޮށްފައި އޮތީ، ބަޖެޓެއްކަމަށް އަންދާޒާކޮށްފައި އޮތީ 8.02 މިލިއަން ރުފިޔާ. ދެން އޭގެތެރެއިން އަޅުގަނޑުމެން މިހާތަނަށް އަދި ދައްކާފައިވާނެ ހަމައެކަނި އެފައިސާގެ އެޑްވާންސް ޕޭމެންޓަށް ވާ %15. ދެން މި މަސައްކަތް ރޭއްވުމުގައި ކިހާވަރެއްގެ ދިރާސާ އެއް ކޮށްފައިވޭތޯ. އާދެ، 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަޑުއްވަރީގެ ގިރުމުގެ މައްސަލަ ބޮޑުވެގެން ހަމަ އެމަޖެންސީ މަސައްކަތެއްގޮތަށް އެ މަސައްކަތް ކުރުމަށް، ކުރުމުގެ ކުރިން 2008 ވަނަ އަހަރު އެބައޮތް ސްޓޭޓަސް ރިޕޯޓެއް ހަދާފައި ސައިޓް އެސެސްމެންޓެއް ހައްދަވާފައި އެބައޮތް 2008 ވަނަ އަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި. އެ ރިޕޯޓްގައި ފާހަގަކުރައްވާފައި އެބަހުރި ގިރާ ސަބަބާއި، އެ ތަން ގިރުމަށް ދިމާވާ ސަބަބުތައް. ދެން ދިރާސާއެއްގޮތަށް ފެންނަން އޮތީ އެ ރިޕޯޓާއި، އަދި މަސައްކަތް ކުރަން ފެށުމުގެ ކުރީގައި ހަދާފައި އެބައޮތް އިނީޝިއަލް އެންވަޔަރަންމަންޓަލް އެސެސްމެންޓް ރިޕޯޓެއް. އެ ދެ ރިޕޯޓް އެއީ ދިރާސާއެއްގޮތަށް ހައްދަވާފައި އިން އެއްޗަކީ. ދެން އެހެންނަމަވެސް ޢާންމުގޮތެއްގައި މިކަހަލަ ބޮޑު ޝޯ ޕްރޮޓެކްޝަން މަސައްކަތެއް ކުރާއިރު އެކަހަލަކަމެއް ކުރުމަށް ކުރަންޖެހޭ ދިރާސާ އަކީ ވަރަށްގިނަ ދުވަހުން ކުރެވޭކަމެއް. އަހަރުތަކެއް ހިނގާ ކަމެއް. އެހާ އެގޮތަކަށް އޭތި ދިރާސާ އެއް ނޫން މިތަނުގައި އޮތީކީ އެއް. އެހެންނަމަވެސް، މިދެންނެވި ދެ ރިޕޯޓް އެއީ ދިރާސާ އެއް ގޮތަށް ބެލެވޭގޮތަށް އަޅުގަނޑަށް ފެންނަން އޮތް އެއްޗަކީ. ދެން މިކަމުގައި ރައްޔިތުންގެ މަޝްވަރާ ކިހާވަރަކަށް ހޯދައިފައިވޭތޯ އެ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ މިދެންނެވި ދެ ރިޕޯޓް ހެދުމުގައި ވެސް ރައްޔިތުންނާއި ވާހަކަ ދެކެވި ކަން ހިނގަމުން އައި ގޮތް އެ ރަނގަޅަށް ސާފުކުރެވިފައޭ އެއޮތީ. ދެން ހަމަ އެއާއި އެކީގައި މަސައްކަތް ރޭވުމުގައި، އިންޖިނިއަރިންގ ކަންކަން ރޭވުމުގައި ރަށުގެ ޙާލަތު ދެނެގަތުމަށްޓަކައި ސައިޓް ކޮންޑިޝަން ދެނެގަތުމަށްޓަކައި ރައްޔިތުންނާއި ކުރެވުނު މަޝްވަރާތަކެއް ކުރެވުނީ. ކުރަންވީ ކޮން ކަމެއްތޯ؟ މިހެންތޯ؟ އެހެންތޯ ހަދަންވީ. އިޖިނިއަރިންގ ޑިޒައިން ޑިސައިޑް ކުރުމުގަ އެއް ނޫން ރައްޔިތުންނާއި މަޝްވަރާކުރެވުނީކީ އެއް. އެކަން ދެނެގަތުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް ދެކެވުނީ. ދެން މިހާރު ކުރައްވާފައިވާ މަސައްކަތުން އެ ރަށް ގިރުމަށް ގިރުމުގެ މައްސަލަ އަށް ދާއިމީ ޙައްލެއް އަންނާނެތޯ؟ އެކަމާ ބެހޭގޮތުން އަޅުގަނޑު ދަންނަވަންއޮތީ މި މަސައްކަތް ކޮށްފައި މިއޮތީ މިދެންނެވިހެން ހަމަ ކުޑަކުޑަ ދެ ރިޕޯޓަކަށް ބޭސްކޮށްފައި. ވަރަށް ޙާލަތު ގޯސްވެގެން ކުއްލިއަކަށް ކުރަން ޖެހުނު މަސައްކަތެއް ގޮތަށް ފައްޓައިގެންނޭ އެކަން ކޮށްފައި އެއޮތީ. ހަމައެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން ކުރިން މި ދެންނެވި ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައި އެބައޮތް 2006 ވަނަ އަހަރު ތެރޭގައި މަޑުއްވަރީގެ ރަށުގެ ހުޅަނގު ދެކުނު ސަރަޙައްދުގައި އެބައޮތް ސަރުކާރުން ތޮއްޓެއް ލައްވާފައި ރަށާއި ނުގުޅުވާ. އެ ލާފައި އޮތް ތޮއްޓާއި އަދި ރަށުގެ ކޮނެފައި އޮތް ބަނދަރުގެ ސަބަބުންނޭ އެ މި ގިރުމުގެ މައްސަލަ ބޮޑުވެގެން އުޅެނީ. އެކަން ފާހަގަކުރައްވާފައި އެބައޮތް. ދެން އެހެންވީމާ، އެންމެ ފުރަތަމަ ކަމަކަށް ކުރެވުނީ ރަށާއި ނުގުޅި އެ ލާފައި އޮތް ތޮށިގަނޑު ނަގާފައި ދެން ޢާންމުގޮތެއްގައި ޝޯ ޕްރޮޓެކްޝަނަށް ކުރެވޭ  މަސައްކަތުގެ ތެރޭގައި ހިމެނޭ ބްރޭކް ވޯޓަރސް، މިދެންނެވި ތޮއްޓަކީ ބްރޭކް ވޯޓަރ އެއް ގޮތަށް ކްލެސިފައި ކުރާ އެއްޗެއް. ބްރޭކް ވޯޓަރސް ރިވެޓްމަންޓްސް. ރިވެޓްމެންޓްސް އަކީ ވަރަށް ކަޗޯރުކަން ބޮޑުކޮށް ގޮނޑުދޮށުގައި ލާފައި ހުންނަ އެއްޗެއް. ސީ ވޯލްސް އެއީ ތަންކޮޅެއް ހުރަސް ބޮޑުކޮށް ލާފައި ހުންނަ އެއްޗެއް. އެންމެ ތިމާވެއްޓާއި އެންމެ ގާތް އެންމެ ރައްޓެހި ގޮތަކަށް ނޫނީ އެތަނެއްގެ އެންވަޔަރަންމަންޓަކުންނެއް ހައިޑޮނަޑައިނެމިކްސް އެއަށް އެންމެ އެފެކްޓް ނުކުރާނެ އެއްޗަކީ ރިވެޓްމެންޓެއް، ޤުދުރަތީ ގޮތުން ގޮނޑުދޮށް އޮންނަގޮތާއި އެންމެ ގާތްކުރާ ގޮތަކަށް އޮންނަ ކަހަލަ ކަޗޯރުކަން ބޮޑު ރިވެޓްމަންޓެއް ލުން ކަމަށް އިންޖިނިއަރުން ލަފާ ދެއްވަނީ. އެހެންވީމާ، މިކަމަށް ދިރާސާ ކުރުމަށް ހޭދަކުރި ވަގުތުގެ ކުޑަކަމާ އެކީގައި މިކަމަށް އެންމެ އެކަށީގެންވަނީ އޭގެ ސަބަބުން، ކުރާ ކަމެއްގެ ސަބަބުން ތިމާވެއްޓަށް އެ ސަރަޙައްދުގައި ނިއު ޝޯ ހައިޑޮޑައިނެމިކްސް އަށް އެންމެ ކުޑަކޮށް އެފެކްޓްކުރާނެ ކަހަލަ ސްޓްރަކްޗަރ އަކީ ރިވެޓްމެންޓެއް ކަމަށްވާތީ އެކަހަލަ ސްޓްރަކްޗަރ އެއް އެތަނުގައި ލުމަށް ނިންމުނީ. ދެން މިއީ ޢާންމުގޮތެއްގައި ހަމަ ރަށް ގިރާ ސަރަޙައްދުތަކުގައި އެކަން ކޮށްއުޅޭ ގޮތެއް. ދެން އެކަން އެ މަސައްކަތް ކުރުމަށް ސުވާލުގެ ފަހުބައިގައި ކުރައްވާފައި އެބައޮތް މިހާރު މަސައްކަތް ރާވާފައި އޮތްގޮތުން އަނގަބަހުން ޢިއްޒަތްތެރި މެންބަރު ސުވާލެއް ނުކުރައްވާ. އެހެންނަމަވެސް، އަޅުގަނޑަށް ލިޔުމުގައި އޮތް ސުވާލުގައި އެބައޮތް މަސައްކަތް ކުރިއަށް މިހާރު ކުރަމުންދާގޮތް ރާވާފައި އޮތް ގޮތަށް ބަދަލެއް ގެންނާނަންތޯ؟ އަޅުގަނޑަށް ހީވަނީ އެ ސުވާލު ކުރައްވާފައި އެއޮތީ އެ މަސައްކަތް ފުރަތަމަ ފެށިއިރު މަސައްކަތް ކުރަމުން އައީ އިންޖިނިއަރުން ޢާންމުގޮތެއްގައި ރިވެޓްމަންޓް ހެދުމަށް ބޭނުންކުރާ އެމީހުން ކިޔާއުޅޭގޮތުން ވެއްޖެއްޔާ އެސް ބްލޮކް ކިޔާ އެއްޗެއް އެއީ. އިންޓަރ ލޮކް ކުރެވޭ ގޮތަށް ހަދާފައި ހުންނަ ބްލޮކްތަކެއް އަތުން އުފުލޭވަރަށް އެ ސައިޒުގައި ރާއްޖޭގައި ޢާންމުގޮތެއްގައި އެ އެއްޗެހި ހަދައިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ. ރާއްޖޭގައި ދެތިން ހަތަރު ރަށެއްގައި މިދަންނަވާ ގޮތަށް އެސް ބްލޮކް ބޭނުންކޮށްގެން ރިވެޓްމެންޓް ހަދާފައި ވެސް އެބަހުރި. މަޑުއްވަރީ ގައި ވެސް މަސައްކަތް ފުރަތަމަ ފެށީ އެސް ބްލޮކް ބޭނުންކޮށްގެން އެ މަސައްކަތް ފެށީ. ފަށައިގެން ވަކި ހިސާބަކަށްދިޔަތަނުން ފާހަގަކުރެވުނީ މި ދަންނަވާހެން ސައިޑް ކޮންޑިޝަންސްތައް ރަނގަޅަށް އެކަމަށް ހޭދަކުރަންޖެހޭ ވަގުތު ހޭދަކޮށްގެން ދަސްކޮށްފައި ނެތީމާ ވޭވް ކޮންޑިޝަންސްތައް ރަނގަޅަކަށް އެނގިފަ އެއް ނެތް. އެހެންވީމާ، ރިވެޓްމެންޓް ފަންކްޝަނަލީ އެއީ އެންމެ ރަނގަޅު ސްޓްރަކްޗަރ ކަމުގައި ވިޔަސް ސްޓްރަކްޗަރަލް އެލަމަންޓްސްތައް އެއީ ހުންނަންވާ ސައިޒުކަން އެ ރިޓަޔަރމަންޓް ކުރުމަށް ދަތިތަކެއް ދިމާވި. އެހެންވީމާ، ހުރި އެއްޗަކުން މަސައްކަތް ފެށި. އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެސް ބްލޮކް ޖެހި އެސް ބްލޮކްސްތަކުގެ ވެއިޓް ކުޑަކަމުން އެ އެއްޗެހި ނުހިފަހައްޓާކަމަށް އެ ސަރަޙައްދުގައި. އެހެންވީމާ، މަސައްކަތް ހުއްޓުވުމަކަށް ގެނެއްސަ ވަގުތުތަކެއް އަޅުގަނޑުމެން ހޭދަކުރީ ދެން ކޮބައިތޯ އޮލްޓަނޭޓިވްލީ މިކަން ކުރެވޭނެ ގޮތަކީ. އެކަން އެހެންވީމާ، މިހާރު ވަނީ އެ މަސައްކަތް އެސް ބްލޮކްގެ ބަދަލުގައި ޚާއްޞަކޮށް ވަކި ސަރަޙައްދުތަކުގައި، އެންމެ ބޮޑަށް ރާޅު ހުންނަ ސަރަޙައްދުތަކުގައި އެސް ބްލޮކްސްގެ ބަދަލުގައި ޖޯ ޓެކްސްޓައިލް ބޭގްތަކެއް ޖައްސައިގެން އެކަން ކުރުމަށް. ޖޯ ޓެކްސްޓައިލް ބޭގްސްއަކީ ވެސް ޢާންމުގޮތެއްގައި ރިވެޓްމެންޓް ކަހަލަ އެއްޗެހި ހެދުމަށް މިހާރު ހަމަ ޕްރޫވަން ޓެކްނޮލޮޖީ އެއް ގޮތަށް ދުނިޔޭގައި ބޭނުންކުރަމުން ގެންދާ އެއްޗެއް. އެހެންވީމާ، ޖޯ ޓެކްސްޓައިލް ބޭގްސް ޖަހައިގެން މިހާރު އެ މަސައްކަތް ކުރަމުން އެ ގެންދަނީ. އެހެންވީމާ، މަސައްކަތް ކުރަން ރާވާފައި އޮތް ގޮތަށް ވެސް ބަދަލުތަކެއް އަޅުގަނޑުމެން ގެނެއްސިން މި ދެންނެވި މައްސަލަތައް ފާހަގަކުރެވިގެން. ދެން މީގެ ސަބަބުން ދާއިމީ ޙައްލެއް އަންނާނެތޯއޭ؟ އާދެ، އަޅުގަނޑުމެން މި އުންމީދުކުރަނީ ކުރިން މިދެންނެވި ސަބަބުތަކާއި އެކީގައި މީގެ ސަބަބުން ރަށަށް ހަމަގައިމުވެސް އިތުރު މައްސަލަތައް ދިމާވުން ކުޑަވެގެންދާނެ ކަމަށް. ދެން ވަކި ސަރަޙައްދެއް ދެން އަނެއްކާ ވެސް ނުގިރާނެ ވާހަކަ އެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ ޕްރޮޓެކްޓް ނުކޮށް އޮންނަ ސަރަޙައްދެއް ފަހުން ދިމާވާ ކަމެއް ސަބަބުން. ދެން މަސައްކަތް ނިމޭނެ ތާރީޚެއް އައްސަވާފައި އެބައޮތް. މަސައްކަތް މިހާރު ކުރިއަށް ދާ ރޭޓަށް ބަލާއިރު ޖީއޯ ޓެކްސްޓައިލް މަސައްކަތް ފެށުނީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަސް ކުރީގައި. ދެން ރަނގަޅަށް މަސައްކަތް ކުރެވިފައި އޮތީ އޭގެތެރެއިން މަހެއްހާ ދުވަހުގެ ތެރޭގައި ކަންނޭނގެ. މިހާރު މިދާ ރޭޓުން ދާކަމަށް ވަންޏާ އަޅުގަނޑު އަދި އެސްޓިމޭޓް ކުރާނަން ގާތްގަނޑަކަށް ފަސް ހަމަސްވަރު ނަގާނެކަމަށް ބާކީ ހުރި މަސައްކަތްތައް ނިންމުމަށްޓަކައި. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ރިޔާސަތުން ވާހަކަދެއްކެވުން: 
ޝުކުރިއްޔާ. އަޅުގަނޑުމެން މިހާހިސާބުން ފެށިގެން މަޖިލީހުގައި މިހާރު ޢަމަލު ކުރެވެމުން ދާ ގަވާއިދުގައި ވާގޮތުގެ މަތީން 15 މިނެޓް އޮންނާނީ އިތުރު ސުވާލު ކުރެއްވުމާއި ޖަވާބު ދެއްވުމަށް. އަދި ސުވާލު ކުރެއްވުމުގައި ކުރިން ދެންނެވިހެން 30 ސިކުންތުގެ ސުވާލެއް. ދެ މިނެޓް ޢިއްޒަތްތެރި މިނިސްޓަރު ޖަވާބު ދެއްވުމަށް އަޅުގަނޑު އަރުވާނަން. އަޅުގަނޑު މިހާރު ފުރުޞަތަށް ހުޅުވާލަން. އަޅުގަނޑު އެންމެ ފުރަތަމަ ފުރުޞަތު އަރުވާނީ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތީން ސުވާލު ކުރެއްވި ޢިއްޒަތްތެރި މެންބަރަށް. މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ވިސާމް ޢަލީ.  

މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، މިކަމަށް ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާނެކަމަށް މަނިކުފާނު ވިދާޅުވެއްޖެ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު އިންޖިނިއަރިންގ ޓެކްނިކަށް ބަދަލު ގެންނަވާފައި ވާއިރު، އޭގެ ކުރިން ކުރައްވާފައިވާ މަސައްކަތަށް ހިނގާފައިވާ ޚަރަދަކީ އިސްރާފެއް ކަމުގައި މަނިކުފާނު ދެކެވަޑައިގަންނަވަންތޯއޭ. އަދި މިކަމުގެ ސަބަބުން މަޑުއްވަރީގައި ކުރިއަށް އޮތްތާނގައި ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ހުރަސްއެޅިގެން ދާނެތޯއޭ. ޝުކުރިއްޔާ.  

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ޢިއްޒަތްތެރި މެންބަރު ކުރެއްވި ސުވާލުގައި އިސްރާފެއްކަމަށް އަޅުގަނޑު ޤަބޫލުކުރަންތޯއޭ. އަޅުގަނޑަށް ހީވަނީ އިސްރާފް އަޅުގަނޑުމެން މާނަކުރާ ގޮތަކުންހެން އެކަން އެގޮތަށް ބުނެވޭނީ. ދެން އަޅުގަނޑު ދަންނަވައިފިން އަޅުގަނޑު އޮރިޖިނަލް ސުވާލުގެ ޖަވާބުގައި އެކަން ކުރަން ޖެހުނުގޮތާއި ޙާލަތާއި. އެހެންވީމާ، ކުއްލި ގޮތަކަށް ކުރަން ޖެހުނު މަސައްކަތެއްކަމާއި، އެކަމަށް ދިރާސާ އެއް ނެގުނު ވަގުތު އެ ލިމިޓޭޝަން ހުރިކަމާއި. އެހެންވީމާ، އެ ސަބަބުތަކާހެދި އެ ކުރި މަސައްކަތުގައި މައްސަލަތަކެއް ފާހަގަކުރެވިގެން ބަދަލުކުރަން ޖެހުނީ. އެހެންވީމާ، އަޅުގަނޑު ގަސްދުގައި ކުރިކަމެއް ނަމަ ނޫނީ ކަމެއް އެނގި ތިބެގެން ހަމަ ސީދާ ގޯހުން ކުރި ކަމެއް ނަމަ އެއީ އިސްރާފެއް ކަމަށް އަޅުގަނޑު ޤަބޫލުކޮށްފީމުސް. އެހެންނަމަވެސް، އަޅުގަނޑު ކުރިން ދެންނެވި ސަބަބުތަކާ ހެދި އަޅުގަނޑު ޤަބޫލެއް ނުކުރަން އިސްރާފެއް ކަމަކަށް އެއީކީ އެއް. ދެން މިކަމުގެ ސަބަބުންނެއް މަޑުއްވަރީގެ މުސްތަޤްބަލުގައި ތަރައްޤީ އަށް އެއްވެސް ހުރަހެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، މިނިސްޓަރު ދެއްވި ޖަވާބާއި ގުޅިގެން އަޅުގަނޑަށް އުފެދޭ ސުވާލަކީ، 2006 ވަނަ އަހަރު މަޑުއްވަރީގައި ލެވިފައިވާ ތޮއްޓަކާއި ގުޅިގެން ގިރުމުގެ މައްސަލަ އިތުރަށް ބޮޑުވެގެން ދިޔަކަމަށް މި އެނގިގެން ދިޔައީ. ދެން އަޅުގަނޑުގެ ސުވާލަކީ، މި ތޮށި ލުމުގައި އޭގެ ކުރިން އެއްވެސް ދިރާސާ އެއް ކޮށްފައި ވޭތޯ. ދެން މީގެ ކުރިން ކުރެވިފައިވާ ހަމަ ހުރިހާ ޚަރަދުތަކަކީ ވެސް އިސްރާފް ބޮޑު ޚަރަދުތައް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭތީ، މިނިސްޓަރުގެ ވިސްނުމުގައި މިކަން ކިހިނެއްތޯ އޮތީ.  

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން:  
އާދެ، ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ޢިއްޒަތްތެރި މެންބަރު އެކުރެއްވި ސުވާލުގައި އާދެ، 2006 ވަނަ އަހަރު ލާފައި އޮތް ތޮށީގެ ސަބަބުން ރަށުގެ ގިރުމުގެ މައްސަލަ ބޮޑުވެފައި ވާކަން ފާހަގަ ކުރެވޭތީ އެއީ އިސްރާފެއް ކަމަށް. ދެން އެވެސް އަޅުގަނޑަށް ހީވަނީ ދެން އެކަން އެއިރު ކުރައްވާފައި އޮތީ ކިހާވަރެއްގެ ދިރާސާ އެއް ކުރެވިފައި އޮތްތޯއޭ. އަޅުގަނޑަކަށް ފެންނާކަށް ނެތް މާ ގިނަ ރިޕޯޓްތަކެއް އެކަން ކުރުމުގެ. އެހެންނަމަވެސް، އަޅުގަނޑަށް މިނިސްޓްރީގެ ތެރެއިން މަޢުލޫމާތު ލިބޭގޮތުގައި އެ މަސައްކަތް ކުރެވުނީ ވެސް ހަމަ އެއިރުގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކަމާ ބެހޭގޮތުން ތިއްބެވި ބޭފުޅުންތަކެއްގެ މަޝްވަރާ އާއި އެކީގައި އެކަން ކުރެވިފައި އޮތީ. އެކަން ކުރުމަށް ވެސް ޢާންމު ގޮތެއްގައި ދިވެހިރާއްޖޭގައި މިކަހަލަ މަސައްކަތް ކުރުމުގައި ވަގުތު ނަގަނީ ވަރަށް ކުޑަކޮށް. އެއީ ހަމަ އަބަދު ވެސް ކަމެއް ބޮޑުވެގެން ގޮސް ވަރަށް ޙާލަތު ގޯސްވީމަ ކަމެއް ކުރާ ހިސާބުގައި މި ތިބެނީ. އެހެންވީމާ، އެ މަސައްކަތް ކޮށްފައި އޮތީކީ ވެސް މާ ބޮޑު ދިރާސާއެއްގެ އަލީގަ އެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުގެ އޮރިޖިނަލް ސުވާލުގެ ޖަވާބުގައި އެކި ކަހަލަ ކޯސްޓަލް ސްޓްރަކްޗަރސް ކޯސްޓަލް ޑައިނަމިކްސް އަށް އިމްޕެކްޓް ކުރަނީ އެކި ވަރަށޭ. އޭގެ ތެރެއިން މިހާރު މި ލާ ސްޓްރަކްޗަރ އަކީ އެންމެ ކުޑަކޮށް އެ ކޮސްޓަލް ޑައިނަމިކްސް އަށް އިމްޕެކްޓް ކުރާނެ ވައްތަރުގެ ސްޓްރަކްޗަރއެކޭ. އެހެންވީމާ، ކުރީގައި ލީ ސްޓްރަކްޗަރ އަށްވުރެ ފަންކްޝަނަލީ މި ސްޓްރަކްޗަރ ރަނގަޅު ވާނެކަން އަޅުގަނޑު ހަމަ ޔަޤީންކަމާއެކީ ދަންނަވަން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ، ދެންމެ ވިދާޅުވެއްޖެ މިއީ ރާއްޖޭގައި ޢާންމުކޮށް ދިމާވާ ކަމެއްކަމަށް. އެހެންވީމާ، އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މިހާރު ރާއްޖޭގައި މި މައްސަލަ ދިމާވެފައި ހުރި ރަށްރަށް ބެލިފައި ވޭތޯއާއި އަދި ބެލިފައި ވާނަމަ ކިހާ މުއްދަތެއްގެ ތެރޭގައި މިހާރު ހުރި މައްސަލަތައް ޙައްލު ކުރެވޭނެކަމަށް މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ އާއި އަދި އޭގެ އިތުރުން މިއީ ކިހާވަރެއްގެ ޚަރަދެއް ހިނގާނެކަމަށް ބެލެވޭތޯ އާއި އަދި ކޮން ގޮތަކަށްތޯ މީގެ ދިރާސާތައް ކުރެވެމުން މި ދަނީ. އެއީ އަޅުގަނޑަށް މަނިކުފާނު މިތަނަށް އެކި ފަހަރު މަތިން ވަޑައިގެން ދެއްވާ ޖަވާބުގައި އަޅުގަނޑަށް ފާހަގަ ކުރެވޭ މިއީ ހަމަ ކުއްލިއަކަށް ވެސް ބައެއް ފަހަރު އެބަ ދިމާވާކަމަށް. އެހެންވީމާ، އަޅުގަނޑު... 

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. މިހާރު ވެސް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް އަޅުގަނޑުމެންގެ އުތުރުގެ އަތޮޅުތަކުގެ ތެރޭގައި ބައެއް ރަށްރަށް ސާމްޕަލަކަށް ނަގައިގެން މަސައްކަތްތަކެއް ކުރަމުން އެބަގެންދަން. ދިވެހިރާއްޖޭގެ ރަށްރަށުގައި ޢާންމު ގޮތެއްގައި ރަށް ގިރުމުގެ މައްސަލަ ދިމާވާ ސަބަބުތަކަކީ ކޮބައިތޯ ބެލުމަށްޓަކައި. ޢާންމު ގޮތެއްގައި ދިމާވާ ރަށް ގިރުމުގެ މައްސަލަތައް ޙައްލު ކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމަށްޓަކައި ވެސް ދިރާސާތަކެއް ކުރަމުން އެބަ ގެންދަން. މީގެ ކުރިން ވެސް އެބަހުރި އެކި ފަހަރުގެ މަތިން އެކި ކަހަލަ ދިރާސާ ކުރެވިފައި ރާއްޖޭގައި. ބައެއް މީހުން އުޅޭ ރަށްރަށުގައި ވެސް އަދި ވަރަށް ޢާންމު ގޮތެއްގައި ރިސޯޓް ތަކުގައި ރަށް ގިރުމުގެ މައްސަލަ އަށް ޙައްލު ހޯދުމަށް އެކި ކަހަލަ ދިރާސާތައް ކުރެވިފައި އެބަހުރި. އެ ދިރާސާތަކުގެ އަލީގައި އަޅުގަނޑުމެން މިހާރު ކުރަމުން ދާ މަސައްކަތްތައް ބައްޓަން ކުރެވޭތޯ ބަލަމުން ގެންދަނީ. ދެން ކިހާވަރެއްގެ ބަޖެޓެއް ކިހާ ރަށެއް އެބައޮތްތޯ އަޅުގަނޑު ޖުމްލަ އަދަދެއް ދަންނަވާކަށް ނޭނގޭ. އެކަމަކު އަޅުގަނޑު ހަނދާންވަނީ ތިރީހަކަށް ރަށް އެބަ އޮތޭ އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ހަމަ ބޮޑުކޮށް މި މައްސަލަ ދިމާވާ. ދެން ރާއްޖޭގެ ކޮންމެ ރަށަކީވެސް ހަމަ ރަށް ގިރުމުގެ މައްސަލަ އެއް ކޮންމެވެސް ވަރަކަށް ގިރާ ވޮޑި މިކަހަލަ ކަންތައްތައް ވާ. އެހެންނަމަވެސް، މައްސަލަ އެއް ގޮތަށް ފާހަގަކުރެވޭ ގާތްގަނޑަކަށް ތިރީހަކަށް ރަށް. ދެން ބަޖެޓް ފިގަރ އަޅުގަނޑު ދަންނަވާކަށް އަޅުގަނޑުގެ ހިތަކު އެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު މިކަމަށް ބަޖެޓެއް ކޮށްފައި އެބައޮތް. މިހާރު މިދެންނެވީ ފާހަގަކުރެވޭ ރަށްރަށަށް އަޅުގަނޑުމެން އަންދާޒާކޮށްފައި އޮތް ޖުމްލަ ބަޖެޓް މަޖިލީހުގެ ބޭރުން އަޅުގަނޑަށް ފޯނު ކޯލަކުން ނަމަވެސް ހަމަ އައްސަވާލައިފިކަމަށް ވެއްޖެއްޔާ ދަންނަވާލަ ދީފާނަން އަޅުގަނޑު އޮފީހުގައި އިންނަ ގަޑިއެއްގައި ހަމަ ވަރަށް ފަސޭހަކަމާއެކީ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ވަޒީރާއި މިއަދު ކޮށްލަން ބޭނުންވާ ސުވާލު ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މޫސާ ޒަމީރު ކުރައްވައިފި. އެހެންނަމަވެސް، 30 ސިކުންތު އޮތީމަ އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ޢިއްޒަތްތެރި ރައީސް ވާހަކަފުޅުގައި ވިދާޅުވި. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، އެ 30 ރަށުގެ ތެރެއިން މި އަހަރު ކިތައް ރަށުގެ މަސައްކަތް ކުރައްވާނެތޯ. އަދި އެ 30 ރަށުގެ ތެރޭގައި އަޅުގަނޑު ތަމްސީލުކުރާ ދާއިރާގެ އެއްވެސް ރަށެއް ހިމެނިފައި އޮތްތޯ. ދެން... 

ރިޔާސަތުން ވާހަކަދެއްކެވުން: 
ޝުކުރިއްޔާ. ޢިއްޒަތްތެރި މިނިސްޓަރަށް އަޅުގަނޑު ފުރުޞަތު އަރުވަން. މިއަދުގެ ސުވާލުގެ ދާއިރާ އިން ޖަވާބުދެއްވުމަށް.  

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ޢިއްޒަތްތެރި މެންބަރު ކުރެއްވި ސުވާލުގައި އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭ ޢިއްޒަތްތެރި މެންބަރު ހިމެނިވަޑައިގަންނަވާ ދާއިރާގެ ރަށެއް ހިމެނިފައި އޮތްކަން މިވަގުތު އަޅުގަނޑުގެ ސިކުނޑިން ދަންނަވާކަށް ނޭނގޭ. ހިތަކަށް ނާރާ ހަމަ ޔަޤީނުން ވެސް ވަކި ރަށެއް އޮތްކަމެއް. ދެން އެހެންނަމަވެސް، ހަމަ ޔަޤީނުން ވެސް ވަރަށް ގިނަ ޚަރަދުތަކެއް ހިނގާ ކަމެއް. ގާތްގަނޑަކަށް ޢާންމު ގޮތެއްގައި މަޑުއްވަރީ ކަހަލަ ކުޑަ ރަށެއްގައި އަދި އެއް މިލިއަނެއްހާ ޑޮލަރުން އެ މަސައްކަތް ކުރެވުނުކަމުގައި ވިޔަސް، ޢާންމު ގޮތެއްގައި މިކަހަލަ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ރަށްތަކުގައި ތިން ހަތަރު މިލިއަން ޑޮލަރު ޚަރަދު ވާކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވިފައި މިއޮތީ. އެހެންވީމާ، އެޑޮޕްޓޭޝަން ފަންޑުގެ ތެރެއިން އަޅުގަނޑުމެންނަށް މި އަހަރު ލިބޭނެކަމަށް، މިހާރުން މިހާރަށް ލިބޭނެކަމަށް އެނގިފައިވާ ޔޫރަޕިއަން ޔޫނިއަންގެ 6.5 މިލިއަން ޔޫރޯގެ ތެރެއިން ހަމަ ޔަޤީނުން ވެސް ރާއްޖޭގެ އެއް ރަށުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން ނިންމާފައި އެބަވޭ. ދެން އެ ޕްރޮޕޯސަލް ހުށަހެޅި ހެދި އެ ޕްރޮޕޯސަލްތައް މިހާރު އަޅުގަނޑުމެން ވާނީ ހުށަހަޅާފައި ޔޫރަޕިއަން ޔޫނިއަނަށް. ދެން އެބޭފުޅުން އެޕްރޫވް ކުރެއްވީމަ އެ މަސައްކަތް ކުރިއަށް ދާނެ. ދެން އަޅުގަނޑުމެންނަށް އެޑޮޕްޓޭޝަން ފަންޑުގެ ތެރެއިން މިކަހަލަ މަސައްކަތް ކުރުމަށް އެންމެ ފަސޭހަވާނީ. އެހެންވީމާ، އެކަމަށްޓަކައި މަސައްކަތް ކުރަމުން މިގެންދަނީ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް ވާހަކަދެއްކެވުން: 
އާދެ، ޝުކުރިއްޔާ. އަޅުގަނޑުގެ ސުވާލަކީ ރ.މަޑުއްވަރި ގިރުމުގެ މައްސަލަ ދިމާވެގެން އުޅެނީ ކޮން އަހަރަކުން ފެށިގެންތޯ އާއި އަދި މި މައްސަލަ ދިމާވެގެން މި އުޅެނީ މަނިކުފާނު ތި ވުޒާރާއި ހަވާލުވީ ފަހުންތޯއޭ. 
 
މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން:  
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ރ.މަޑުއްވަރީގެ ގިރުމުގެ މައްސަލަ އަޅުގަނޑާއި އޮރިޖިނަލީ ކުރެވުނު ސުވާލުގެ ޖަވާބުގައި ދަންނަވައިފިން 2006 ވަނަ އަހަރުވެސް އެރަށުގައި އެބައޮތޭ ތޮއްޓެއް ލާފައި ރަށް ގިރުމުގެ މައްސަލަ ދިމާވެގެން. އެހެންވީމާ، ހަމަ ޔަޤީނުން ވެސް އަޅުގަނޑު މި ވުޒާރާއި ހަވާލުވީ ފަހަކުންނެއް ނޫން އެ މައްސަލަ ދިމާވީކީ އެއް. ދެން އެއީ އަޅުގަނޑު ޤަބޫލެއް ނުކުރަން ވަކި މީހަކު ވުޒާރާއެއްގައި ހުރުމަކުން ދިމާވާކަހަލަ ކަމެއް ކަމަކަށް ވެސް އެއީކީ އެއް. ދެން އެހެންނަމަވެސް، ތަރައްޤީގެ ބައެއް މަސައްކަތުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަނދަރު ހެދުން، ބިން ހިއްކުން މި ޒާތުގެ ކަންތައްތަކާއި ގުޅިގެން ރަށް ގިރުމުގެ މައްސަލަ ރަށްރަށުގައި ދިމާވެފައި އެބަހުރި. އެހެންވީމަ، މިހާރު ހެދިފައި އޮތް ދެ ރިޕޯޓުގައި އެބަ ވަރަށް ރަނގަޅަށް ފާހަގަކޮށްފައި އެބައޮތް އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ ދިމާވެފައި އެ ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައި އެއޮތީ ދިމާވެފައި އެއޮތީ ކީއްވެގެންކަން ބުނެފަ އެއް ނެތް. އެހެންނަމަވެސް، ބޮޑުވެގެންދަނީ ހަމަ ޔަޤީނުން ވެސް ރަށުގައި ހަދާފައި އޮތް ބަނދަރާއި ކުރިން އަޅުގަނޑު ދެންނެވި ނޭޗަރ ބްރޭކް ވޯޓަރއެއް 2006 ވަނަ އަހަރު ލާފައި އެ ދެ ސްޓްރަކްޗަރގެ ސަބަބުންނޭ އެކަން މި ބޮޑުވެފައިވަނީ މިހާރު. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވާހަކަދެއްކެވުން:  
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، މިއަދު ކުރެވުނު ސުވާލުގައި ޖަވާބެއްގެ ގޮތުގައި ދެއްވި ސުވާލަކާއި ގުޅިގެން އަޅުގަނޑު މި ސުވާލު އުފައްދާލީ. އެއީ އިސްރާފްކުރުން. ދިވެހިރާއްޖޭގެ ގިނަ ރަށްތަކުގައި އެބަހުރި ތޮށި ލެވިފައި. ތޮށި ލެވިފައި ހުރިގޮތަކީ ވަރަށް ތިލަކޮށް ހުންނަ ބައެއްގައި ތޮށިގަނޑު ލެވިފައި މިއިންނަނީ ފުންކޮށް ކޮނެވިފައި. އެކަމުގެ ސަބަބުން އެއީ އިސްރާފެއްކަމަށް ބަލަންތޯއޭ. ކޮން ދިރާސާ އެއް ކޮށްފައިތޯ އޮތީ އެއީ ބޮޑެތި ދޯނިފަހަރުތައް އިންޖީނުގެ މައްސަލަ އެ ބުރަފަތީގެ ސަބަބުން ފަސްގަނޑު ދަމައިގަތީމަ ލާ ދުވަހު އަނެއް ދުވަހު އޮންނަނީ ތޮށިގަނޑު ވެއްޓިފައި.  

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ޢިއްޒަތްތެރި ރައީސް، އަޅުގަނޑަށް ސުވާލުގެ އެއްބައި އިވުނީމަ މުޅިއަކުން ސާފެއް ވެސް ނުވި. އެހެންނަމަވެސް، އަޅުގަނޑަށް އެނގުނު މިންވަރުން، އަޅުގަނޑަށް ހީވަނީ ޢިއްޒަތްތެރި މެންބަރު ސުވާލުކުރެއްވީ ބަނދަރުތަކުގެ ތޮށީގެ ވާހަކަހެން. އަޅުގަނޑުގެ މިއަދުގެ ކުރެވުނު ސުވާލަކީ ރަށް ގިރުމާއި ބެހޭގޮތުން ރަށް ގިރުން ހުއްޓުވުމަށްޓަކައި ލެވޭ ތޮށީގެ ވާހަކަހެން. ދެން އަޅުގަނޑު ދަންނަވައިފިން ރާއްޖޭގައި ޢާއްމުގޮތެއްގައި މިކަހަލަ މަސައްކަތްކުރުމުގައި އެކަހަލަ ކަންތައްތައް ދުނިޔޭގެ އެހެން މީހުން ކުރާއިރު އެ ދިރާސާކުރުމަށް އެ ހޭދަކުރާ ވަގުތު ހޭދަކޮށްފަ އެއް ނުހުރެއޭ. ދެން އެއީ ހަމައެކަނި ރަށް ގިރުމުގެ މައްސަލައަކަށް ނޫން ވަރަށް ގިނަ ކަންތައްތަކަށް ހަމަ އެކަން އޮންނަ ގޮތް އެއީ. އެހެންވީމަ، އަޅުގަނޑަކަށް ސުވާލު ރަނގަޅަށް ސާފުނުވާތީ ރަނގަޅަށް ޖަވާބެއް ދޭކަށް ނޭނގެ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ރިޔާސަތުން ވާހަކަދެއްކެވުން:  
ޝުކުރިއްޔާ. ޢިއްޒަތްތެރި މެންބަރުން ސުވާލުކުރައްވާއިރު 30 ސިކުންތުކަން ލިބިވަޑައިގަންނަވާނީ ބައްލަވައިގެން 30 ސިކުންތު ތެރޭގައި ސާފުކޮށް ވިދާޅުވެދެއްވުން އެދެން. އެއިރުން ޢިއްޒަތްތެރި މިނިސްޓަރަށް ޖަވާބުދެއްވޭނީ. އަޅުގަނޑު ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު އާމިރަށް ފުރުޞަތު އަރުވަން.  

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު އާމިރު ވާހަކަދެއްކެވުން:  
އާދެ، ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ހަމަ ޢިއްޒަތްތެރި ވަޒީރާ ކޮށްލަން ބޭނުންވާ ސުވާލަކީ، މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ކުރައްވާފައިވާ ސުވާލާ ގުޅޭގޮތުން. ވިދާޅުވެއްޖެ ތިރީސް ރަށެއް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ވާހަކަ. މި ތިރީސް ރަށުގެ ތެރެއިން ކިތައް ރަށުގެ މަސައްކަތް މިހާރު ހިނގަމުންދޭތޯ. އަދި ތި ވިދާޅުވިގޮތަށް ދިރާސާކުރުމުގެ މަސައްކަތް ވެސް ކިތައް ރަށުގައި ހިނގަމުންދޭތޯ. އަދި ހަމަ އެއާއި ގުޅޭގޮތުން މި 30 ރަށުގެ ތެރެއިން އަޅުގަނޑު ހިމެނޭ ދާއިރާގެ ރަށެއް ވޭތޯ. އަޅުގަނޑު މިހެން މިދެންނެވިކަމަކީ އަޅުގަނޑު ހިމެނޭ ދާއިރާގެ ރަށެއްގައި އެކްސެސް ޕްރޮގްރާމްގެ ދަށުން ބަނދަރެއް ހެދުމަށްޓަކައި އީ.އައި.އޭ ރިޕޯޓެއް ހެދިއިރުގައި ޑޭންޖަރ ޒޯނެއްގެ ގޮތުގައި މާއެނބޫދޫގެ އުތުރު ފަރާތާއި ދެކުނު ފަރާތުގެ ދެ ސަރަޙައްދެއް ވަނީ ފާހަގަ...  

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަނެއްކާ ވެސް އަޅުގަނޑަށް ސާފުވި މިންވަރުން ދަންނަވާނަން. 30 ރަށެކޭ ނޫން އަޅުގަނޑު ދެންނެވީ. އަޅުގަނޑު ދެންނެވީ ތިރީހަކަށް ރަށް ފާހަގަކުރެވިފައި އޮތްކަން، ފާހަގަކުރެވެއޭ އަޅުގަނޑަށް. ބަރާބަރު ޢަދަދު ދަންނަވާކަށް އަޅުގަނޑު މިތަނުގައި ހުރެގެން އަޅުގަނޑުގެ ސިކުނޑީގަ އެއް ނެތޭ ބަރާބަރު ޢަދަދެއް. ދެން ރަށެއްގައި ޑޭންޖަރ ޒޯން އަޅުގަނޑަކަށް އޭގެ މާނަ އެއް ނޭނގެ އިނގޭތޯ މި ޑޭންޖަރ ޒޯން، އަޅުގަނޑު ލަފާކުރަނީ ތި ވިދާޅުވަނީ ވަކިކަމެއް ނުކުރުމަށް ފާހަގަކޮށްފައި އޮތް ތަނެއްގޮތަށް ނޫނީ ނުރައްކާތެރި ތަނެއްގޮތަށް އަޅުގަނޑަކަށް ނޭނގެ އެ ވިދާޅުވި އެއްޗެއް އަޅުގަނޑަކަށް ސާފެއްނުވޭ. އެހެންވީމަ، އީ.އައި.އޭ ރިޕޯޓެއްގައި ފާހަގަކޮށްފާނެ ކަމެއް ނުކުރުމަށް ކަމެއް ކުރަން ނުފެންނަ ސަރަޙައްދުތަކެއް. އެކަހަލަ ތަންތަނެއްކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ތި އެއްސެވީ. ދެރން އެއީ ހަމަ ޢާއްމުގޮތެއްގައި އީ.އައި.އޭ އެ ރިޕޯޓް ހެދުމުގެ ތެރޭގައި އީ.އައި.އޭ ހައްދަވާ ބޭފުޅުން ހަމަ ފާހަގަކުރައްވާނެ ކަމެއް ޕްރޮޕޯޒްކޮށްފައި އޮންނައިރު އެ ޕްރޮޕޯޒްކޮށްފައި އޮތްގޮތް ނޫން ގޮތަކަށް އޯލްޓަރނޭޓިވް ގޮތަކަށް ކަމެއް ކުރުމަށް. އެއީ ފުރަތަމަ ހުށަހަޅާފައި އޮތްގޮތް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އީ.އައި.އޭ ހެދުމުގެ ތެރޭގައި ފާހަގަކުރެވިއްޖެ ކަމަށްވަންޏާ އެބޭފުޅުން އެހެން ދަންނަވާފައި ހުރޭ. ދެން ޢިއްޒަތްތެރި ރައީސް، އަޅުގަނޑު އަނެއްކާ ވެސް ހަމަ ސުވާލު ސާފުވިވަރުން މި ޖަވާބު ދެވުނީ. އަޅުގަނޑަކަށް ނޭނގެ ޢިއްޒަތްތެރި މެންބަރު އެދިވަޑައިގެން ޖަވާބުކަމެއް މިއީކީ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ރިޔާސަތުން ވާހަކަދެއްކެވުން: 
ޝުކުރިއްޔާ. އަދިވެސް އެއްފަހަރު އަޅުގަނޑު ޢިއްޒަތްތެރި މެންބަރުންނަށް ސަމާލުކަމަށް ދަންނަވަން ތިރީސް ސިކުންތު ލިބިވަޑައިގަންނަވާނެ. އެހެންވީމަ، ސުވާލު ލިޔުއްވާލައްވައިގެން 30 ސިކުންތު ތެރޭގައި ކުރައްވައިފިއްޔާ ރަނގަޅުވާނެ. އަޅުގަނޑު މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޠާރިޤަށް ފުރުޞަތު އަރުވަން.  

މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤު ވާހަކަދެއްކެވުން:  
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ރ.އަތޮޅު މަޑުއްވަރި ގިރާ ސަރަޙައްދު އަޅުގަނޑު ދުށިން. އެތާނގައި ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައި ހުރިތަން ވެސް އަޅުގަނޑު ދުށިން. ދެން އަޅުގަނޑުގެ ސުވާލަކީ، އެރަށު ރައްޔިތުން ބުނާގޮތުގައި ވެއްޖިއްޔާ އެތަން ސަލާމަތްކުރެވޭނީ މުޅި ރަށް ވަށައިގެން ބޮޑު ހިލަ ޖަހައިގެންކަމަށް އެމީހުން ބުނަނީ. އެހެންވީމާ، އެއީ ކުރީގެ ސަރުކާރުން އެގޮތަށް ނިންމާފައި އޮއްވާ މި ސަރުކާރުން ބަދަލުކުރައްވައިގެންތޯ ބޮޑު ހިލަ ނުޖަހަން ތި ނިންމެވީ. އެއީ އަޅުގަނޑުގެ ސުވާލަކީ. ޝުކުރިއްޔާ.  

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ޢިއްޒަތްތެރި މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ އަޅުގަނޑު ޤަބޫލެއް ނުކުރަން ރަށުގެ ރައްޔިތުންނަށް ކަމެއް ނިންމޭނީކީ އެއް ރަށެއް ޙިމާޔަތްކުރުމަށްޓަކައި އެ އިންޖިނިއަރިންގ ޑިޒައިނިންގ ނިންމުމުގެ. އެހެން ނޫންނަމަ އިންޖިނިއަރުން ކިޔާފައި ބަޔަކު ތިބުމުގެ ބޭނުމެއް ނެތް. ރަށުގެ ރައްޔިތުންނަށް އިނގޭނެ ކަމެއް މައްސަލަ އެއް ދިމާވީމަ މައްސަލަ އެބައޮތްކަން. ދެން އެ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑު ވެސް އަހަންޖެހެނީ އަދި ރައްޔިތުން ވެސް އަހަންޖެހެނީ ހަމަ އެކަމާއި ބެހޭ މާހިރެއްގެ ކައިރިން. އެކަމާއި ބެހޭ މާހިރެއްގެ ކައިރިން އެހީމަ އޭނަ ބުނާނެ އެ ދިމާވެފައި އޮތް މައްސަލަ ޙައްލުކުރުމަށް ކުރަންވީ ކަންތައް. އެހެންވީމަ، އަޅުގަނޑު ވެސް މި މަސައްކަތްކުރަމުން މި ގެންދަނީ ހަމަ އެކަމާއި ބެހޭ މާހިރުން ދެއްވާ ލަފައާއި އެކީގައި އެބޭފުޅުން އެކަން ކުރެއްވުމަށް ހުށަހަޅާފައިވާ ގޮތަށް. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ވާހަކަދެއްކެވުން:   
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު މި ދަތުރުފަތުރުގެ ނިޒާމުން އެބަ ދަތުރުކުރަން. އެހެންވީމަ، ދެންމެ ދަންނަވައިފި މި އުތުރުގެ ބައެއް ރަށްރަށުން ގިރާ ކަންތައްތަކުގައި ސަރވޭ ކުރަމުން ގެންދޭ. އޭގެ ތެރޭގައި ނ.ހޮޅުދޫ ވަރަށް ބޮޑަށް ގިރާފައި އެބައޮތް ދެތިން ހަތަރު ގޯތި ވެސް ގިރާފައި އޮތުމާއެކު ތިބޭފުޅުންގެ ސަރވޭގެ ތެރޭގައި އެ ރަށް ހިމެނިފައިވޭތޯ. ޝުކުރިއްޔާ. 

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަދެއްކެވުން:  
ޝުކުރިއްޔާ ޢިއްޒަތްތއެރި ރައީސް. އެ ޢިއްޒަތްތެރި މެންބަރު އެކުރެއްވި ސުވާލުގައި ނ.ހޮޅުދޫ އަކީ އެހާ ވަރަށް ގިރާ ރަށެއްކަމަށް އަޅުގަނޑުގެ ސިކުނޑީގައި އަޅުގަނޑުގެ ޕާމަނަންޓް ސެކްރެޓަރީ ވެސް އެބަ ބޯޖައްސަވާ. އެއީ އެކަން ފާހަގަކުރެވިފައި އޮތް ރަށެއް ކަމަށް. ގިރާ ރަށް މިދެންނެވި 30 ރަށުގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑަށް ހަމަ ޔަޤީން އެ ރަށް ހިމެނިފައި އޮންނާނެ ކަން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.  

ރިޔާސަތުން ވާހަކަދެއްކެވުން: 
ޝުކުރިއްޔާ. މިހާހިސާބުން 15 މިނެޓް މިކަމަށް މި ހޭދަކޮށް ނިމުނީ. އެހެންވީމާ، އަޅުގަނޑުމެން މި އެޖެންޑާ އައިޓަމް މިހިސާބުން މި ނިމުނީ. އަޅުގަނޑު ޢިއްޒަތްތެރި މިނިސްޓަރަށް ޝުކުރު ދަންނަވަން.  

No comments:

Post a Comment

ކިޔުންތެރިންގެ ޚިޔާލު